ޚަބަރު

ޢަޤީދާ ހަރުދަނާކޮށް ހިތްތައް އަލުންގުޅުވުމަށް ޢީދު ޚުތުބާގައި ގޮވާލައްވައފި


އަޅުގަނޑުމެންގެ ޢަޤީދާ ހަރުދަނާކޮށް، ވަކިވަކިވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުވުމަށް ޢީދު ޚުތުބާގައި ގޮވާލައްވާފައެވެ.

މިއަހަރުގެ އަޞްޙާ ޢީދު ޚުތުބާގެ މަޢުޟޫއަކީ "ޢީދުލް އަޟްޙާގެ ޙަޤީޤަތާއި މަޤްޞަދުތައް"މިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކުރި އަޞްޙާ ޢީދު ނަމާދުގެ ޚުތުބާގައި ވަނީ އިސްލާމީ މިފަދަ ބަރަކާތްތެރި އުފާވެރި ދުވަހެއްގައި، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތުގެ މަތިން ހަނދާން ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އެއީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ނިޢުމަތްކަމަށާއި މި ދީނަކީ ޤައުމުގެ މިނިވަންކަމާއި، ވަޙުދަތުގެ ކަމުން ޢަޤީދާ ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުން ފަދަ ވިޔާނުދާ ޢަމަލުތަކުން ދުރުހެލިވުމަށާއި އަޚްވަންތަ ބަޔަކަށް ވާންޖެހޭކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޤައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމް ދީން ޙިމާޔަތް ކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި، ރައްޔިތުންގެ ޢަޒުމް އާކުރުމަށްވެސް ޚުތުބާގައި ގޮވާލެއްވިއެވެ.

ޚުތުބާގައި ވަނީ ޢީދު ފާހަގަކުރުމުގައި މީހުން އެކަހެރި ނުކުރުމަށާއި އިސްލާމްދީނާ ފުށު ނާރާ ގޮތަކަށް އީދު ފާހަގަކުރުމަށް ގޮވާލާފައެވެ. މިގޮތުން ޢީދަކީ ޝަޙުވަތްތަކުގެ ފަހަތުން ދުއްވައި ގަންނަ ޢީދަކަށް ނުހެދުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ސުލްޙަމަސަލަސް ކަމުގެ ތެރެޔަށް ވަންނާށެވެ!އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެޝައިޠާނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާން ވެގެންވާ ޢަދުއްވެކެވެ. ފަހެ، ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންހުރި ޙުއްޖަތްތައް އައުމަށްފަހު ތިޔަބައިމީހުން މަގުން ކައްސާލައިގެން ހިނގައްޖެ ނަމަ، ހަމަކަށަވަރުން، ﷲ އީ، ޢަޒީޒު ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!" މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

މިއަހަރުގެ އަޟުޙާ ޢީދު ޚުތުބާގައި ވެސް ވަނީ އިބްރާޙިމް ޢަލައިހި ސަލާމްގެ ދަރިކަލުން އިސްމާޢިލް ޢަލއިހި ސަލާމް ޤުރުބާނަށް ހުށައެޅިގެން ދިޔަ ވަގުތު ކަންހިނގަދިޔަ ގޮތް ހަނދާން ކޮށްދެއްވާފައެވެ. މިގޮތުން ކަންކަމުގައި ކެތްތެރިވުމާށާއި އެ ޙާދިޘާގެ މަތިން ހަނދާންކޮށް މި މަތިވެރި ދުވަހުގައި މާތް ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން ޤުރުބާން ކުރުމުގެ ދުވަހެއްގެ ގޮތުގައި ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކުވެސް މި މަތިވެރި ސުންނަތް އަދާކުރުމަށް ގޮވާލެއްވިއެވެ.

"ފަހެ، އެ ދެބަފައިކަލުން (ﷲ އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވި ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އޭ އިބްރާހީމެވެ! ކަލޭގެފާނުގެ ހުވަފެންފުޅު ތެދު ކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ."މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސް ފުޅެއްގެ މާނައިގައިވެއެވެ. އަދި އެހެން އާޔަތެއްގެ މާނައިގައި ވެއެވެ "ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނުކަން ކަށަވަރެވެ. އަދިޤަދަރު ބޮޑުވެގެންވާ ޤުރުބާނީއަކުން ތިމަން ރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ."

ޚުތުބާ ނިންމާލަމުން ވަނީ ޙަޔާތަށް އައު ޞަފްޙާއެއް ހުޅުވައިލުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ކިލަނބުވެފައިވާ އިޖްތިމާޢީ ޙާލަތު ބަދަލުކޮށް، އުފާވެރި ޠާހިރު ޙަޔާތެއް ބިނާ ކުރުމަށްވަނީ ގޮވާލައްވާފައެވެ. އަދި އެކަން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނީ އަޅުގަނޑުމެންގެ މުޅި ޙަޔާތުގެ މަންހަޖަކީ އިސްލާމްދީން ކަމުގައި ހަދައިގެންނާއި ބައިބައި ނުވެ، އުއްމަތުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށްޓަ އެކުވެރިވެ، އެއްގަލަކަށް އަރައިގެންކަން ފާހަގަކޮށްފައެވެ. އަދި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައި ވަނީ، އެއްބައިވަންތަ ކަމުގެ ސަބަބުންކަމަށާއި ނާކާމިޔާބު ލިބިފައިވަނީ ބައިބައިވުމުގެ ސަބަބުންކަންވެސް ޚުތުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ.