ޚަބަރު

ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 12،000 ސިފައިން އަނބުރާ ގެންނަނީ


ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 12،000 ސިފައިން އަނބުރާ ގެންނަން ނިންމާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާއިންވަނީ 36،000 ސިފައިން ޖަރުމަންވިލާތުގައި މަރުކަޒުކޮށްފައެވެ. ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން 2014ވަނަ އަހަރު ނިންމާފައިވަނީ އެ ޖަމާޢަތުގައި ހިމެނޭ 30 ޤައުމުން އެ ޤައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ދެ އިންސައްތަ އަސްކަރިއްޔާއަށް ޚަރަދުކުރުމަށެވެ. ނަމަވެސް އެދެވޭ މިންވަރަކަށް ނޭޓޯއަށް ޖަރުމަނުވިލާތުން ޚަރަދު ނުކުރާކަމަށް ބުނެ އެ ޤައުމުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ ނިންމަވާފައެވެ.

ޖަރުމަނުވިލާތުން އަނބުރާ ގެންދަން ނިންމި 12،000 ސިފައިންގެ ތެރެއިން 6،000 ސިފައިން ވިލާތުގެ އެކި ޤައުމުތަކަށް ބަހާލަން އެމެރިކާއިންވަނީ ނިންމައިފައެވެ. އަދި ޖަރުމަނުވިލާތުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ވިލާތުގެ ސަލާމަތާބެހޭ މައި އިދާރާ ބެލްޖިއަމަށް ބަދަލުކުރަންވެސްވަނީ ނިންމައިފައެވެ. އެމެރިކާގެ ދިފާޢީ ވަޒީރު މާކު އެސްޕަރ ވިދާޅުވީ އެގޮތަށް ނިންމުމުގެ އެއް ބޭނުމަކީ ރަޝިޔާއިން ވިލާތަށް ބާރުފޯރުވާ މިންވަރު ކުޑަކުރުންކަމަށެވެ. އެގޮތުން ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ ބައެއް ސިފައިން ބުލެކު ސީ ސަރަޙައްދުގައާއި ބޮލްޓިކު ސީ ސަރަޙައްދުގައި މަރުކަޒުކުރާނެކަމަށެވެ. ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ ބައެއް ސިފައިން އިޓަލީވިލާތަށް ފޮނުވުމަށްވެސްވަނީ ނިންމައިފައެވެ.

ނޭޓޯގެ ޤައުމުތަކުން އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުކޮށް އެމެރިކާގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭކަމަށް އެމެރިކާގެ ރައީސް ޓުރަންޕުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެދެވޭ މިންވަރަކަށް ޖަރުމަނުވިލާތުން ނޭޓޯއަށް ޚަރަދު ނުކުރާކަމަށާއި ވިޔަފާރީގެ ގުޅުންތަކުކައި އެމެރިކާގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ތުހުމަތުވެސް ޖަރުމަންވިލާތަށް އެމެރިކާގެ ސަރުކާރުން ކުރެއެވެ.

ޖަރުމަންވިލާތުގައި ތިބޭ އެމެރިކާގެ ސިފައިންގެ ޢަދަދު މަދުކުރަން ނިންމުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުމާއި ރަޝިޔާއާ ދެކޮޅަށް ވިލާތުގެ ޤައުމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ރައްކާތެރިކަމާމެދުވަނީ ސުވާލު އުފެދިފައެވެ.