މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްއަށް ބޮޑު ތަރުހީބެއް


ރާއްޖޭގެ ތާރީޚުގައިވެސް ފްރެންޗައިޒް އުސޫލުން ބާއްވާ އެންމެ ފުރަތަމަ ޝޯވް، "މޯލްޑިވިއަން އައިޑަލް"ގެ އޮޑިޝަންތައް ފެށުމަށް ޕީ.އެސް.އެމުން މިހާރު ތައްޔާރުވަމުންދާއިރު، މި ޝޯވގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލުމުން 680 އަށްވުރެ ގިނަ ފަރާތުން ވަނީ އެސް.އެމް.އެސް ކޮށްފައިއެވެ ޕީ.އެސް.އެމުން ބުނީ އެސް.އެމް.އެސް ކުރުމަށް ހުޅުވާލި މުއްދަތު ހަމަވި ނަމަވެސް، ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ޝޯވގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، ނަން، އެޑްރެސް، ރަށް، އައި.ޑީ.ކާޑު ނަމްބަރު އަދި އުމުރު ޖެއްސެވުމަށްފަހު 300 ފޮނުވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. އަދި ޝޯވގެ އޮޑިޝަންތައް ކުރިއަށްދާ ސަރަހައްދުތަކުންވެސް ނަން ނޯޓުކޮށްގެން މިޝޯޯވގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ- ކޮމާރސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީން ވިދާޅުވީ، ރާއްޖޭގެ ހަތަރެއް ނުވަތަ ފަސް ސަރަހައްދެއްގައި އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، ވަރަށް އަވަހަށް އޮޑިޝަންތައް ކުރިއަށްދާނެ ސަރަހައްދުތައް ކަނޑައެޅިގެންދާނެކަމަށެވެ މި ޝޯވއަކީ އިންޓަރނޭޝަނަލް ސްޓޭންޑެޑަށް ފެތޭގޮތަށް ކުރިއަށްގެންދާ ޝޯވއެއްކަމުން، އޮޑިޝަންތައް ފެށުމަށްޓަކައި ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާ ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާއި ގުޅިގެން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ނަސްރީން ވިދާޅުވިއެވެ. އަދި ޝޯވ ހުށަހަޅައިދޭނެ ޕްރެޒެންޓަރުންނާއި، ޖަޖުންގެ ޕެނަލް ކަނޑައެޅުމަށްޓަކައި، އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ނަމާއި، އެބޭފުޅުންގެ ސީވީތައް ފްރެމެންޓަލް މީޑިއާ ފޮނުވާފައިވާ ކަމަށާއި، ޝޯޓް ލިސްޓުވެފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ނަސްރީން ވިދާޅުވިއެވެ. މި ޝޯވްގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން ޖަޖުންގެ ޕެނަލާއި، ޝޯވ ހުށަހަޅައިދޭނެ ޕްރެޒެންޓަރުންވެސް ކަނޑައަޅާނީ ޝޯވގެ ލައިސެންސް ދޫކޮށްފައިވާ ފަރާތުންނެވެ. މި ޝޯވގެ އޮޑިޝަންތައް ކުރިއަށްދާނީ ތިން ލެވެލްއަކަށް ބަހާލައިގެންކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ. އެގޮތުން ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން އޮޑިޝަންއެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދެ އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް އެފަރާތްތަކުގެ ލަވަކިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބައްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ތިން ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ.މޯލްޑިވިއަން އައިޑަލް ޕްރޮފެޝަނަލް ސެޓޭންޑަޑްތަކާއި އެއްގޮތަށް ކުރިއަށްގެންދިޔުމުގައި އިންޑިއަން އައިޑޮލްގެ އެހީތެރިކަން ލިބިގެންދާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ. އަދި އޮޑިޝަން ބޭއްވުމަށް ޕީ.އެސް.އެމުން ކުރާ ފުރަތަމަ ދަތުރުގައި އިންޑިއަން އައިޑޮލް ޖޫނިއަރ ޝޯވްގެ ކްރިއޭޓިވް ޑިރެކްޓަރ ސަތިޝް ދަތް އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަޤީންކަން އެފަރާތުން ދީފައިވާކަމަށްވެސް ޕީ.އެސް.އެމުން ބުނެއެވެ. 16 އަހަރާއި 30 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް މޯލްޑިވިއަން އައިޑަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޝޯވގެ އޮޑިޝަންތައް މިފެށޭ ސެމްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި ފެށޭނެކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ.މި ޝޯވއަށް ތައްޔާރުވުމުގެ ގޮތުން، ޕީ.އެސް.އެމްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ނުވަ މެމްބަރުންގެ ޓީމެއް މިދިޔަ ހަފުތާގައި ވަނީ އިންޑިޔާގެ މުމްބާއީއަށްގޮސް އިންޑިއަން އައިޑަލް ޖޫނިއަރ ޝޯވް ކުރިއަށް ދާގޮތުގެ މައުލޫމާތު ހޯދާ، އިންޑިއަން އައިޑަލް ޖޫނިއަރގެ ރިހާސަލް ޝޯވް އާއި ލައިވްރިކޯޑިން ކުރިއަށްދާ ގޮތްވެސް ބަލާލާފައެވެ. އަދި ޕްރޮޑަކްޝަންޓީމާ ބައްދަލުކޮށް މަޢްލޫމާތު އޮޅުންފިލުވާފައިވެއެވެ.