ޚަބަރު

މިޞްރުގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހުންނަށް އިންތިޚާބެއްގައި ބައިވެރިނުވެވޭނެ


މިޞްރުގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހުންނަށް އަސްކަރިއްޔާގެ ޙުއްދައެއް ނެތި އެއްވެސް އިންތިޚާބެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ޤައުމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙު އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ތަސްދީޤުކުރައްވައިފިއެވެ.

ކުރިން މިޞްތުގެ ޤާނޫނުގައި އޮންނަ ގޮތުގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި ސިޔާސީ ދާއިރާއަށް ނުކުތުން މަނާވަނީ ހަމައެކަނި އެ ވަގުތެއްގައި އަސްކަރިއްޔާގައި ޚިދުމަތްކުރާ މީހުންނަށް އެކަންޏެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން އެ ޤާނޫނު އިޞްލާޙުކުރުމުން އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހަކަށް ރިޔާސީ އިންތިޚާބާއި ޢާންމު އިންތިޙާބުގައި ބައިވެރިވެވޭނީ ޚާއްޞަ ޙުއްދައެއް ލިބިގެންނެވެ.

ސީސީގެ ވެރިކަމުގައި މިޞްރުގެ އަސްކަރިއްޔާގެ ދަޢުރުވަނީ ވަރަށް ބޮޑަށް ފުޅާކުރައްވައިފައެވެ. އެގޮތުން މުހިންމު އިޤްތިޞާދީ ޙަރަކާތްތަކާއި ޒިންމާތައްވެސް ޙަވާލުކޮށްފައިވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮންނަ ކުންފުނިތަކަށެވެ. އަލަށް ގެނައި ބަދަލުތަކާއެކު މިޞްރުގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާ ދުސްތޫރީ ބަދަލުތަކާއި ސިޔާސީ ހައްޤުތަކާއި އިންތިޚާބުތަކާއި ޤައުމީ ސަލާމަތާބެހޭ ބިލުތަކާމެދު އަސްކަރިއްޔާއަށް ޚިޔާލު ފައުޅުކުރެވޭނެއެވެ. އެ ބަދަލުތަކާއެކު މިޞްރުގެ 27 ޕުރޮވިންސުގެ ގަވަރުނަރުންނަށް އަސްކަރީ ލަފާ އަރުވާނެ މުޝީރުން ޢައްޔަނުކުރަންޖެހޭނެއެވެ.

ޤާނޫނަށް ގެނައި ބަދަލުގެ ބޭނުމަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ވަރުގަދަ ޖެނެރަލުން އިދިކޮޅު ސިޔާސީ ޙަރަކާތާ ގުޅި ސަރުކާރާ ދެކޮޅަށް ނުކުތުން މަނާކުރުންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ޤާނޫނަށް ގެނައި ބަދަލާމެދު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ވަކީލުންވެސްވަނީ ފާޑުކިޔައިފައެވެ.

މިޞްރުގެ ރައީސް ސީސީއަކީ ކުރިން އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.