ވިޔަފާރި

ސްރީލަންކަން އެއަރލައިންސްގެ ކާގޯ އުފުލުމަށް ޙާއްސަ މަތިންދާބޯޓުގެ ދަތުރުތައް ރާއްޖެއަށް


ސްރީލަންކަން އެއަރލައިންސްއިން ދާދި ފަހުން ތައާރަފްކޮށްފައިވާ އެއަރލައިންގެ ކާގޯ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މިހާތަނަށް އެއަރލައިނުން ރާއްޖެއަަށް ކާގޯ ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ފަސިންޖަރުން އުފުލުމަށް ބޭނުން ކުރާ ފްލައިޓުތަކެވެެ.

ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްރީލަންކަން ކާގޯ ފްލައިޓަށްވަނީ މަރުހަބާ ކިޔާފައެެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންއިން ބުނީ މި ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ 18 ޓަނުގެ މުދާ ހިފައިގެންނެވެ. އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްގެ ކާގޯ ދަތުރުތަކުން ޔޫރަޕްގެ ޤައުމުތައް ކަމަށްވާ، ލަންޑަން، ޕެރިސް، ފްރެންކްފާޓު، މިލާން އާއި ރާއްޖެއާއި ގުޅާލާނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަސިންޖަރުންނާއި އެކު ކުރާ ދަތުރުތަކަށް ހުއްޓެމެއް އައުމާއި ގުޅިގެން ސްރީލަންކަންއިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ކާގޯ ދަތުރުތައް ފަށާފައެވެ. ސްރީލަންކަން އެއަރލައިންސްއިން ކާގޯ ދަތުރުތަކަށް ޙާއްސަ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.