ވިޔަފާރި

ޢީދަށް ހެދުން ގަތުން މިފަހަރު ނެތް، ވިޔަފާރިތަކަށް މަޔޫސްކަން


ކޯވިޑް-19 ސަބަބުން މުދާ ގެނައުމުގައި ބޮޑެތި ދަތިތަކެއް އެބަހުރިކަމަށާއި، އަދި ވިޔަފާރިވެސް ވަރަށް ބޮޑަށް ދަށްކަމަށް އަންނައުނާއި ފައިވާން ވިއްކާ ބައެއް ވިޔަފާރިތަކުން ބުނެފިއެވެ.

އާއްމު ގޮތެއްގައި އީދާ ގުޅިގެން އަންނައުން ވިއްކާ ފިހާރަތަކަށް ރަނގަޅު އާމްދަނީއެއް ލިބުނަސް، މިފަހަރުގެ އީދުގައި ވިޔަފާރިތަކަށް މާބޮޑު ފައިދާއެއް ނެތެވެ. މީހުންގެ އަތްމަތި ދަތިއިރު، ވިޔަފާރިކުރާނެ ބަޔަކު ނެތެވެ. އަދި ޢީދަށް ހެނދުން ގަތަސް، އައު ހެނދުން ލައިގެން ދާނެ ތަނެއް ނެތުމަކީވެސް މިފަހަރު އީދުގައި ވިޔަފާރިތައް ދަށްވުމުގެ ސަބަބެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ފިހާރަތަކުން ބުނީ ބޭރުން މުދާ ގެނައުމުގައި ގިނަ ދަތިތަކެއް އެބަހުރިކަމަށެވެ. އަދި މިދުވަސްކޮޅު ވިޔަފާރިވެސް ވަރަށް ދަށްކަމަށް އެފަރާތްތަކުން ބުންޏެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދިމާވާ ދައްޗަކީ އަދިވެސް ގިނަ ޤައުމުތަށް ލޮކްޑައުންގައި ހުރުމުގެ ސަބަބުން މިދަނޑިވަޅުގައި މުދާ އެތެރެ ނުކުރެވޭތީ ދިމާވާ ދަތިތައް. އެވްރެޖް މަސްތަކާ އާޅާކިޔާއިރުވެސް ވިޔަފާރި ވަރަށް ދަށް. އެވްރެޖްކޮށް ބަލާނަމަ އެހެން މަސްތަކާ އަޅާ ބަލާނަމަ ވިޔަފާރިދަށް. ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރި ވަރަށް ދަށް." ވިޔަފާރިވެރިއެއް ބުނިއެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ކޯވިޑް-19އާ ގުޅިގެން ވިޔަފާރި ނުވާތީ އަދި ޑޮލަރު ނުލިބޭތީ އެފަރާތްތަކުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާކަމަށެވެ.

"ލޮން ޑައުން އައުމާއިއެކު އަޅުގަނޑުމެންގެ ފޮތި ވިއްކާ ފިހާރަ ވިޔަފާރި ނުވެގެން ބަންދުކުރީ. އަދި މިހާރު މިއުޅެނީ އެތަނުގައި ހުރި މުދާވެސް މިފިހާރައަށް ލައިގެން. ރެއަކަށް ލިބޭ 300 އެއްހާ ރުފިޔާ. 1500 ނުލިބޭ. މިތަނުގެ ކުއްޔަކީ 24000 ރުފިޔާ. މިހާރުވެސް ޝިޕްމަންޓް ހަދާފައި ހުންނަތާ ދޮޅުމަހެއްހާދުވަސް ވެއްޖެ. ބެންކަކުން ޑޮލަރެއް ނުލިބޭ. ޑޮލަރުގެ ތާށިކަން ބޮޑުވީމަވެސް މިތާ ތިބެގެންވެސް މުދާ ނުގެނެވޭ." އޭނާ ކިޔައިދިނެވެ.

އެހެން ބައެއް ފިހާރަތަކުންވެސް ބުނީ އެހެން ފަހަރުތަކުގެ އީދާއި އެހެނިހެން މުނާސަބަތުތަކާ ވިޔަފާރި ރަނގަޅުވިޔަސް، މިފަހަރު ވިޔަފާރި ވަރަށް ދަށްކަމަށެވެ.

"މީހުން އެހާވަރަކަށް ނާދޭ. މުދާވެސް ނެތް. ގެންނަންވެސް ދަތި. ކިރިޔާ ކުލި ދެއްކެނީ. އެހެން އަހަރުތަކާ އަޅާ ކިޔާއިރު ވިޔަފާރި ދަށް." ފިހާރައެއްގެ ސޭޓެއް ކިޔާދިނެވެ.

ބައެއް ފިހާރަތަކުން ބުނީ ގައިދުރުކަން ކަށަވަރުކޮށް، ހޭންޑް ސެނަޓައިޒްކުރުމާއި އެހެން ފިޔަވަޅުތަކާއެކު ފިހާރަ ހުޅުވިޔަސް މީހުން އަންނަލެއް މަދުކަމަށެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ލޮންޑައުންގައި އެއްވެސް ވަރަކަށް ވިޔަފާރިނުކުރާއިރު، ލޮކްޑައުންއަށްފަހު ވިޔަފާރިތައް ހުޅުވާލުމުން ކުރިއަށްވުރެ ރަނގަޅަށް ވިޔަފާރިވާކަމަށެވެ.

"މީހުން ވަދޭ ކޮވިޑާއި ބަލާފައި. ދެން ކޮންމެވެސް ވަރަކަށް ރަނގަޅު ލޮންޑައުންގައި އެއްވެސް ވިޔަފާރިއެއް ނުވެފައި ހުޅުވާލީމަވޭ ކޮންމެސް ވަރަކަށް. އެކަމަކު ކޯވިޑަ-19 ގެ ކުރިޔާ އަޅާ ބަލާއިރު އެހާއެހާ އެއްނޫން. މުދާ ލިބުމުގައިވެސް ގިނަ ދަތިތައް އެބަހުރި."

އަންނައުނާއި ފައިވާން ވިއްކާ ވިޔަފާރިތަކުން ބުނީ ކޯވިޑް-19ގެ ކުރިޔާ އަޅާކިޔާއިރު ދުވާލެއްގެ މައްޗަށް ރަނގަޅު އާމްދަނީއެއް ލިބުނަސް، ބައެއް ދުވަސްދުވަހު އެއްވެސް ވަރަކަށް ވިޔަފާރިނުވާކަމަށެވެ. ދުވާލު ވަގުތުތަކުގައި ވިޔަފާރިނުވާއިރު، ކިރިޔާވެސް ވިޔަފާރިވަނީ ރޭގަނޑުކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ދަނީ އަސަރުކުރަމުންނެވެ. އަދި އިޤްތިޞާދަށް ކުރިމަތިވަމުން އަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެކ ގޮތްގޮތުން ގެއްލުންވަމުންދާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ދަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކުރަމުންނެވެ.