ދުނިޔޭގެ ވިޔަފާރި

ސެމްސަންގ ފަހަތަށް ޖައްސާލުމަށްފަހު ވާވޭ ކުރިއަށް


ކޮރެޔާގެ ސެމްސަންގ ފަހަތަށް ޖައްސާލުމަށްފަހު މިދިޔަ ކުއާޓަރުގައި އެންމެ ގިނަ ސްމާޓްފޯނު ވިއްކި ކުންފުނީގެ ޝަރަފު ޗައިނާގެ ވާވޭއިން ހޯދައިފިއެވެ.

މިދިޔަ ކުއާޓަރުގައި އެންމެ ގިނަ ސްމާޓްފޯނު އުފެއްދި ކުންފުނީގެ ޝަރަފު ވާވޭއިން ހޯދާފައިވާއިރު، މިއީ ސެމްސަންގ ފަހަތަށް ޖައްސާލުމަށްފަހު އެކުންފުނިން މިޝަރަފު ހޯދި ފުރަތަމަ ފަހަރެވެ. ޚަބަރުތައް ބުނާގޮތުން ވާވޭއިން ވަނީ މިދިޔަ ކުއާޓަރުގައި 55.8 މިލިއަން ފޯނު ވިއްކާފައެވެ. އަދި ސެމްސަންގ އިން ވިއްކާފައިވަނީ 53.7 މިލިއަން ފޯނެވެ.

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ފިއްތުންތަކާއެކު ވާވޭގެ ފޯނުގެ ވިޔަފާރި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ސެމްސަންގެ ވިޔަފާރި ވަނީ 30 އިންސައްތަ ދަށްވެފައެވެ.

ޚަބަރުތައް ބުނާގޮތުން ވާވޭގެ ވިޔަފާރި ރަނގަޅުވީ ޗައިނާގައި އެކުންފުނީގެ ވިޔަފާރި ރަނގަޅުވުމުންނެވެ. އެގޮތުން ވާވޭގެ 70 އިންސައްތަ ފޯނު ޗައިނާގައި ވިއްކާފައިވާއިރު، ސެމްސަންގެ ހަރަކާތްތައް ޗައިނާގައި އުޅެނީ ދަށްކޮށެވެ.