ދީން

ޙައްޖުގެ އަޅުކަން: ދެމިލިއަނުން އެއްހާހަށް!


ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ ޙައްޖުވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އަންނަ ވަރަށް މަތިވެރި ދުވަހެކެވެ. ދުނިޔޭއެކި ކަންކޮޅުތަކުގައި ތިބި ބިލިއަނަކަށް ވުރެ ގިނަ މުސްލިމުން ހައްޖު ދުވަސް ފާހަގަކުރެއެވެ.

ޙައްޖު ދުވަހަށް ޢަރަފާތު ދުވަހޭ ކިޔެނީ ޙައްޖު ދުވަހަކީ ޙައްޖުވެރިން ޢަރަފާތު ބިމުގައި ހޭދަކުރާ ދުވަހަށްވުމުންނެވެ. އަދި ޙައްޖު ލިބޭނީ ޒުލްޙިއްޖާ މަހުގެ ނުވަ ވަނަ ދުވަހު ޢަރަފާތު ބިމުގައި ހިނދުކޮޅަކަށް ނަމަވެސް ތިބެވޭ މީހުނަށެވެ. ހައްޖުދުވަހުގެ އިރު އޮއްސުމުގެ ކުރިން އަރަފާތުބިމަށް ނުދެވޭ މީހުނަށް ޙައްޖެއް ނުލިބޭނެއެވެ. ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ، ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން އެއްތަނަކަށް އެއްވާ ބިންކަމަށް ވާއިރު އެބިމަށް ނުދާ އެތައް މިލިއަން މުސްލިމުންނެއް މިއަދު ތިބޭނީ ރޯދައަށެވެ. ކީރިތި ރަސޫލާގެ ހަދީޘެއްގައި ވާގޮތުން އަރަފާތު ދުވަހު ހިފާ ރޯދައަކީ ފާއިތުވި އަހަރުގައި ކުރެވިފައިވާ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުހެވިގެންދާނެ ރޯދައެކެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަ ބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުން ދާއިރު، މިއަހަރަކީ އިސްލާމީ އުއްމަތަށް ހަޤީޤަތުގައިވެސް މާޔޫސްކަމާއި މޮޅިވެރިކަން ގެނުވި އަހަރެކެވެ.

ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ހިނގާ 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވެސް ދީފައި ވަނީ ސަޢުދީގައި ތިބި އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ ބަޔަކަށެވެ. އަދި މި ހުއްދަ ސައުދީ ސަރުކާރުން ދީފައިވަނީ މީގެކުރިން ފަރުޝު ހައްޖެއްވެފައި ނުވާ މީހުންނަށެވެ. ސަޢުދީން ބޭރުން އެއްވެސް ޤައުމަކުން މިފަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުން ގޮސްފައެއްނުވެއެވެ.

ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރާއިރު، ސަޢުދީ ސަރުކާރުގެ މި ނިންމެވުމާއި އެކު، އެތައް ހާސް ބަޔަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތުގެއްލި، މިއަހަރުގެ ޙައްޖު މޫސުމުގައި މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތައް ފެނިގެންދާނީ ވަރަށްވެސް ފަޅުކޮށެވެ. ސަޢުދީން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރި ވަނީ ސަޢުދީގައި ތިބި އެ ޤައުމުގެ ރައްޔިތުންނާއި، އެ ޤައުމުގައި ތިބި 160 ޤައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ.

މިފަހަރުގެ ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢުދީން އެ ޤައުމުގައި ތިބި ދިވެހީންގެ ތެރެއިން 6 މީހަކަށްދީފައިވާއިރު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ އޭގެތެރެއިން 5 ދިވެހިންނެވެ. އެއީ ސައުދީ ވެރިރަށް ރިޔާޒުގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރަކާއި އަލް ޤަސީމް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރަކާއި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ 2 ދަރިވަރެއްގެ އިތުރުން ހާއިލް ޕްރޮވިންސްގެ އެއަރ ކްރާޕްޓް އޮފީހެއްގައި މަސައްކަތްކުރާ ދިވެހި އިންޖިނިއަރެކެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަޢުދީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މުޒްދަލިފާގައި ޙައްޖުވެރިން ތިބޭއިރު ރައްކާތެރިކަމާއެކު ގައިދުރުކަމާއެކު ތިބެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުކުރުމަށް ހުއްދަދޭ ފަރާތަކުން ނޫން މީހަކު ހައްޖުގެ އަޅުކަމަށް ޚާއްސަކުރެވިފައިވާ އެއްވެސް ސަރަހައްދަކަށް ވަނުން މަނާކޮށްފައި ވާއިރު، މި ނިންމުމާއި ޚިލާފުވާ ފަރާތްތައް ދިހަ ހާސް ރިޔާލުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި މާތްވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ހުރިހާ ޙާޖީންނަށް ޒަމްޒަމް ފެން ލިބޭނީ އެކަކު ބޭނުންކުރާ މިންވަރަށް ކުދި ފުޅިތަކުގައެވެ. އަދި ޖަމްރާއަށް އުކަން ހިލަ ހޮވުމުގެ ބަދަލުގައި ކޮންމެ ޙާޖީއަކަށް ހިލަ ކޮތަޅެއް ދިނުމަށް ވަނީ ނިންމާފައެވެ. ޙައްޖާޖީން މޮނިޓަރިންގެ ކަންކަން ބެލުމަށް އަތުގައި އަޅާ ޚާއްސަ ސްމާޓް ބްރެސްލެޓެއް ތައްޔާރުކޮށްފައި ވާއިރު، މީގެ އެހީގައި މޮނީޓަރިންގައި ހުންނަ މީހާގެ ހަރަކާތްތައް ދެނެގަނެވޭނެއެވެ.

މި ފަހަރުގެ ޙައްޖުވެރިން ކުރާނީ "ޙައްޖު އިފްރާދް"އެވެ. "ޙައްޖު އިފްރާދް" ގައި ޙައްޖުގެ ކުރިން ކުރާ އުމްރާ ކުރާކަށް ނުޖެހޭނެއެވެ. އަދި ޙައްޖުގައި ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލާކަށްވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް ޙައްޖުގައި ދެންހުންނަ ހުރިހައި ކަމެއް ފުރިހަމަ ކުރާނެއެވެ. މިގޮތުން މުޒްދަލިފާގައި ރޭ ކުރުމާއި ޖަމްރާއަށް ހިލަ އުކާނެއެވެ. ޙައްޖުވުމަށް މައްކާއަށް އެތެރެވުމުގެ ކުރިންނާއި އެތެރެވުމަށްފަހު ކޯވިޑް-19 އަށް ޓެސްޓް ކުރާއިރު، ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތުދީފައި ވަނީ ސާމްޕަލްތައް ނެގެޓިވްވި މީހުންނަށެވެ.

ޙައްޖުވެރިން ޙައްޖު މަހުގެ 1 ވަނަ ދުވަހު މައްކާއަށް ވަނުމަށްފަހު ތިބީ ކަރަންޓީނުގައެވެ. އެއަށްފަހު ޙައްޖުމަހުގެ 8 ވަނަ ދުވަހު ޔައުމުއްތަރްވިޔާ (އިޙްރާމް ބަންނަ ދުވަސް)ގައި ހުރިހާ ޙައްޖުވެރިންވެސް އިޙްރާމް ބަނދެ ނިޔަތް ގަންނަން ގެންދިޔައީ ޤަރުނުލްމަނާޒިލް (ތާއިފް ކައިރީގައި) ހުންނަ މީގާތަށެވެ. ޙައްޖުވެރިން ޠަވާފް އަލް ޤޫދޫމް ފުރިހަމަކުރުމަށް މިހާރު ތިބީ ޙަރަމްގައެވެ. މީ ޙައްޖުގެ ކުރިން ކުރާ ޠަވާފްއެވެ.

ޙައްޖުވެރިން ތިބުމަށް މިނާގައި 13 ބުރީގެ 6 ޓަވަރު އިމާރާތްކުރީ 2007 ވަނައަހަރުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ޓަވަރުގައި އާއްމު ޙައްޖުވެރިން ބައިތިއްބާފައެއްނުވެއެވެ. އޭގެ ބަދަލުގައި އެޓަވަރުތައް ފެންނަނީ ޙައްޖު މޫސުމާއި ދިމާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސައުދީ އޮފިޝަލުން ތިބޭ ތަނެއްގެ ގޮތުގައެވެ. މިފަހަރު ޙައްޖުގައި މަދު މީސްކޮޅެއް ބައިވެރިވާ އަހަރަކަށްވުމުން މި ފަހަރު ޙައްޖާޖީން ބޭއްތިއްބުމަށް ސައުދީ ސަރުކާރުން މިނާ ޓަވަރުތައް ކަނޑައަޅާ އެތަންވަނީ ތައްޔާރުކޮށްފައެވެ. ޖަމްރާތަކާއި ދާދި ކައިރީގައި ހުންނަ މި ޓަވަރުތަކުގައި ޙައްޖުވެރިން ތިބުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ހަމަޖައްސާ އެތަންވެސް ތައްޔާރުކޮށްފައިވަނީ ޤައިދުރުކަން ހުންނަގޮތަށް ކޮންމެ ކޮޓަރިއެއްގައި ހަތަރު މީހުންނަށް ތިބެވޭގޮތަށެވެ.

ޙައްޖަކީ އަރަފާތެވެ. ކޮންމެ އަހަރެއްގެވެސް ޙައްޖުދުވަހު އަރާފަތު ބިން މަތިން ބަލާލުމުން ފެންނާނީ ހުދުކުލައިގެ ސާލެއް ދަމާފައި އޮންނަ ހެންނެވެ. މުޅި ސަރަހަޢްދު އެއްކޮށް ފުރާލާފައިވަނީ ޙައްޖުވެރިންނާއި ގެންނެވެ. ޙައްޖަށް އަރަފާތު ބިމުގައި ގިނަ އަދަދެއްގެ ޓެންޓްތައް ސައުދީ ސަރުކާރުން ހަމަޖައްސާފައި ހުރި ނަމަވެސް ޖަބަލުއް ރަހްމާ (އަރާފަތު ފަރުބަދަ ) އާއި މަސްޖިދުލް ނަމިރާ ( އަރާފާތު ބިމުގައި ހުންނަ މިސްކިތް ) ވެސް އޮންނާނީ ޙައްޖުދުވަހު ފުރާލާފައެވެ. އަރަފާތުގެ ވަގުތަކީ އިރު މެދުން ފިލީއްސުރެ އިރު އޮއްސުމާއި ދެމެދު އޮންނަ ވަގުތެވެ. އެހެންކަމުން ހެނދުނު ހެނދުނާ ޙައްޖުވެރިން އަރާފަތު ބިމަށްވަދެ އަރަފާތު ފަރުބަދައާއި ނަމީރާ މިސްކިތުން ޖާގަ ހޯދައެވެ.

މި ފަހަރުގެ ޙައްޖަށް، ނަމިރާ މިސްކިތުގެ ތައްޔާރީތަކަށް ބަލާއިރު ޙައްޖުވެރިން ތިބޭނެ ތަންތަން ފާހަގަކޮށް މިސްކިތްވަނީ ޑިސްއިންޕެކްޓްކޮށްފައެވެ. އެއްފަހަރާ ތިން ލައްކަ މީހުންނަށް ނަމާދަށް އެރޭ މި މިސްކިތައް މި ފަހަރުގެ ޙައްޖުގައި ބައިވެރިވާ ހުރިހާ މީހުންނަށް މެންދުރު ނަމާދުގައި ބައިވެރިވެވޭނެކަމަށް ބެލެވެއެވެ.

އަރަފާތުގައި ޙައްޖުވެރިންނަށް ހަދާފައިވާ ޓެންޓްތަކަށް ބަލާއިރު އެ ޓެންޓްތައްވެސް ތައްޔާރުކޮށްފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކުއެވެ. މިގޮތުން ކޮންމެ ޙައްޖުވެރިއަކުވެސް ތިބޭނީ ކަނޑައެޅިފައިވާ ދުރުމިނުގައެވެ. މިފަހަރުގެ ޙައްޖުވެރިންނަށް ތައްޔާރުކޮށްފައިވާ ޓެންޓްތަކުގެ މަންޒަރުތަކަށް ބަލާއިރު އެންމެ އުފާވެރި އެއްކަމަކީ މި ޓެންޓްތައްވެސް ހުރީ ޖަބަލުއް ރަހްމާ (އަރާފަތު ފަރުބަދަ ) ދާދި ކައިރީގައެވެ.

މި ފަހަރުގެ ޙައްޖުގައި މަދު މީސްކޮޅެއް ބައިވެރިވި ނަމަވެސް ޙައްޖުގެ މި ދިމާވީ މުޅި ދުނިޔެއަށް ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ސައުދީގެ އިންތިޒާމްތައްވެސް ހަމަޖައްސާފައި މިވަނީ އެހެން އަހަރަކުތަކަށްވުރެވެސް ފުރިހަމަކޮށެވެ. މި ގޮތުން ޙައްޖުވެރިން 20 މީހުންގެ ގްރޫޕަތަކަށް ބަހާ ކޮންމެ ގްރޫޕަކަށް ހާއްސަ ސުޕަވައިޒަރެއް ވަނީ ކަނޑައަޅާފައެވެ. އަދި ވަކި ވަޓްސްއަޕް ގްރޫޕެއް ހަދާ ދުވަހުން ދުވަހަކަށް ކުރަންޖެހޭ ކޮންމެ ކަމެއް އަންނަނީ މި ގްރޫޕްގެ ތެރެއިން ހިއްސާކުރަމުންނެވެ.

ދިމާވެދާނެ ސިއްޙީ ކަމަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކޮންމެ 50 ޙާޖީއަށް ޑޮކްޓަރެއް ވަނީކަނޑައަޅާފައެވެ. އަދި ކޮންމެ ޙާޖީއެއްގެވެސް ސިއްޙީކަންކަން ދަނީ ވަގުތުން ވަގުތަށް މޮނީޓަރކޮށް ބަލަހައްޓަމުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1000 މީހުންނަށް ފުރުޞަތުދީފައި ވާއިރު، ހައްޖުގެ ކަންކަން ބެލެހެއްޓުމަށް 18،490 މުވައްޒަފުން ހަރަކާތްތެރިވެއެވެ.