ޚަބަރު

ކޯވިޑް-19 : އުސޫލަށް ނުފެތޭ 27 ތަނެއް ބަންދުކޮށްފި


ކޯވިޑް-19ގެ ޙާލަތުގައި ޢާއްމު ޚިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ހުރި 27 ވިޔަފާރިއަކަށް ބަންދު ނޯޓިސް ދީފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނޯޓިސްދެނީ މިންގަނޑަށް ނުފެތޭ ތަންތަނުގައި ހުރި ކަންކަން އިސްލާހުކޮށް، އެކަން އެންގުމުން ވީހާވެސް އަވަހަކަށް އެތަންތަނަށް އަލުން ހުއްދަ ދޫކުރާގޮތަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ފެށި މިފަދަ ދެވަނަ އިންސްޕެކްޝަނާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ މިފަހަރުގެ އިންސްޕެކްޝަންގައި މިހާތަނަށް 52 ތަނެއް ބަލާފައިވާކަމަށެވެ. މީގެތެރެއިން އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ 27ތަނެއް ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ކެފޭ ރެސްޓް ހިމެނޭހެން 17ތަނަކާއި، 9 ފިހާރަޔާއި، ސެލޫނާއި ބޯކޮށާ ތަންތަން ހިމެނޭހެން އެއްތަނެވެ.

މި އިންސްޕެކްޗަނަކީ ކޯވިޑް-19ގެ ކޭސްތައް މާލޭގައި އިތުރވަމުންދާތީ، ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން ޤަވާޢިދަށް ޢަމަލުކުރޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭ ގުޅިގެން ފެށި އިންސްޕެކްޝަނެކެވެ.