ޚަބަރު

ފުވައްމުލައް ހޮސްޕިޓަލްގައި ޓެލެމެޑިސިންގެ ޚިދުމަތް ފަށައިފި


ފުވައްމުލައް ހޮސްޕިޓަލްގައި ޓެލެމެޑިސިންގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ އެހޮސްޕިޓަލްގައި މުޅިން އަލަށްފެށި ޚިދުމަތެކެވެ.

ޓެލެމެޑިސިންގެ ޚިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެކެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރިސް އަޙްމަދު ސަޢީދު ވިދާޅުވީ އަލަށް މިޚިދުމަތް މިއަދު ފުވައްމުލަކު ހޮސްޕިޓަލުގައި ފަށާފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި، ފުވައްމުލަކުން ޑޮކްޓަރަށް ދެއްކި ޕޭޝަންޓް ގުޅުވާދިނުމާއެކުކަމަށެވެ. އަދި މި ސެޝަންގައި ޑޮކްޓަރަށް ދައްކާފައިވަނީ ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ ފުވައްމުލަކުގެ ރައްޔިތެކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ހުރެގެން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ކެންސަރ ޑިޕަރޓްމަންޓްގެ އޮންކޮލޮޖިސްޓެއްގެ އެހީތެރިކަން އެބަލިމީހާވަނީ ހޯދާފައެވެ.

ޓެސްޓްތައް ނުހެދުނު ނަމަވެސް، ފޮލޯއަޕް ޗެކަޕްތައް ހެދުމާއި، ބޭހާގުޅޭ މުޢާމަލާތްތައް ކުރުމާއި، ބަލިމީހުން އޮޅުންފިލުވަން ބޭނުންވާ ކަންކަން މި ޚިދުމަތުގެތެރެއިން ފަސޭހައިން ކުރިއަށްގެންދެވެއެވެ. އަދި ރާއްޖެއިން ހެދޭ ޓެސްޓެއްނަމަ، އެ ޓެސްޓައް ހެދުމަށްފަހު ވަރޗުއަލްކޮށް ޑޮކްޓަރާ ހިއްސާކޮށް ބަލިޙާލަތާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރެވެއެވެ.

އަޙްމަދު ސަޢީދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލިގައި ޓެލެމެޑިސިންގެ ޚިދުމަތްފެށީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެންކަމަށެވެ.

ސަޢީދު ވިދާޅުވީ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވަހޯދާ ގިނަ ބަޔަކު ފުވައްމުލަކުގައި އެބަތިބިކަމަށެވެ. މިއަދު ފެށި ޚިދުމަތާއެކު މިފަދަ މީހުން ބޭނުންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ފަހިވެފައިވާކަމަށެވެ.

މިޚިދުމަތުގެ ތެރެއިން އައިޖީއެމްއެޗާއި އޭޑީކޭއާވެސް ފުވައްމުލަކު ހޮސްޕިޓަލާ ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަޢީދު ވިދާޅުވިއެވެ.

މި ޚިދުމަތްުގެ ސަބަބުން އާއްމު ރައްޔިތުންނަސް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. އެގޮތުން ދަތުރުފަތުރާއި، ޑޮކްޓަރަށް ދެއްކުމަށް ހޭދަވާ ފައިސާއާއި ވަގުތު ވަރަށްބޮޑަށް ސަލާމަތް ކުރެވޭނެއެވެ. މިކަމުން ޢާއްމުނަށް ލިބޭ ތަކުލީފުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ވުވައްމުލައް ސިޓީއަކީ ބާރަ ހާހެއްހައި މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. ފުވައްމުލައް ހޮސްޕިޓަލުން މިހާރުވެސް ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރާއި ކަށީގެ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބެއެވެ. އަދި ދަތުގެ ފަރުވާއާއި ޑައިލަސިސްގެ ޚިދުމަތްވެސް ލިބެއެވެ. އަދި ލެބް ޓެސްޓާ އެކްސްރޭއާއި ސްކޭން ހެއްދުމުގެ ޚިދުމަތްތައްވެސް ލިބެއެވެ.