ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ޢުމުރު ކުރުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ޗިކާގޯއިން ތައްޔާރުކުރި އެއާ ކޮލިޓީ ލައިފު އިންޑެކްސުން ދައްކާގޮތުގައި ވައި ތަޣައްޔަރުވުމަކީ އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލެވެ. އޭގެ ސަބަބުން އިންސާނުންގެ ޢުމުރުން ދެ އަހަރު ދުވަސް ކުރުވެއެވެ.
އެއާ ކޮލިޓީ ލައިފު އިންޑެކްސުން ދައްކާގޮތުގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ން ރައްކާތެރިވުމަށް ވެކްސިނެއް ހޯދުމަށް ސައިންސުވެރިން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އެތައް ބިލިއަން މީހުންގެ ޢުމުރު ކުރުވެ، ޞިއްޙަތަށް ގެއްލުން ލިބެމުންދާކަމަށެވެ. ޗިކާގޯ ޔުނިވަސިޓީން ބުނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކޯވިޑް-19އަށްވުރެ ބޮޑު ނުރައްކަލަކަށް އިންސާނުންގެ ފުރާނަވަނީ ހުށަހެޅިފައިކަމަށެވެ.
އިންޑެކްސް ތައްޔާރު ކުރެއްވި މައިކަލް ގްރީންސްޓޯން ވިދާޅުވީ ކޯވިޑް-19ގެ ނުރައްކާ ވަރަށް ބޮޑުކަމަށާއި އެ ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. ނަމަވެސް އެ ބައްޔަށް ދުނިޔެއިން ސަމާލުކަން ދެމުންދާ މިންވަރަށް ވައިގެ ނުސާފުކަމުގެ ސަބަބުން ލިބޭ ގެއްލުންތަކަށްވެސް ސަމާލުކަން ދޭނަމަ އެތައް ބިލިއަން މީހުންގެ ޢުމުރު ދިގުވެ، ސަލާމަތް ޞިއްޙަތަކާއެކު ދިރިއުޅުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސައިންސުވެރިންވަނީ ވައިގެ ތެރޭގައި ވިހަ މާއްދާތައް ހުންނަ މިންވަރު ދެނެގަނެ އިންސާނުންގެ ޞިއްޙަތަށް އޭގެ ސަބަބުން ލިބޭ ގެއްލުން ދިރާސާކޮށްފައެވެ. ވައި ތަޣައްޔަރުކުރާ މާއްދާތައް ދެކުނު އޭޝިޔާގެ ގިނަ ޤައުމުތަކުގެ ވައިގެ ތެރޭގައި ހުންނަ ނިސްބަތުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ދިރާސާގައިވަނީ ބުނެފައެވެ. ޖަންގަލިތައާއި ދަނޑުބިންތަކުގައި އަލިފާން ރޯވުމުގެ ސަބަބުންނާއި ދުއްވާ އެއްޗެހީގެ ސަބަބުންނާއި ކާރުޚާނާތަކުން ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން އެ ޤައުމުތަކުގެ ވައިގެ ފެންވަރު ވަރަށް ދަށްކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން 650 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އޭޝިޔާގެ 89 އިންސައްތަ މީހުން ދިރިއުޅެނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައިކަމަށް ދިރާސާގައިވަނީ ބުނެފައެވެ.
އިންޑިޔާއާއި ބަންގުލަދޭޝުފަދަ ޤައުމުތަކުގައި ވައިގެ ތަޣައްޔަރުކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އެ ޤައުމުތަކުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ޢުމުރުން 10 އަހަރު ކުރުވެފައިވާކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އެންމެ ވައި ނުސާފު ޤައުމުތަކުގެ ގޮތުގައި އޮތީ ބަންގުލަދޭޝާއި އިންޑިޔާއާއި ނޭޕާލާއި ޕާކިސްތާނެވެ. އެ ޤައުމުތަކުގެ ވައިގެ ނުސާފުކަންވަނީ މީގެ 20 އަހަރު ކުރިއަށްވުރެ 44 އިންސައްތައަށް އިތުރުވެފައެވެ. ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ދެކުނު އޭޝިޔާއަށް ނިޞްބަތްވާ އެ ހަތަރު ޤައުމުގައެވެ. އެ ދިރާސާގައި ބުނީ އެ ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ޢުމުރުން އާންމު ގޮތެއްގައި ފަސް އަހަރު ކުރުވާކަމަށެވެ.
އޭގެ ތެރެއިންވެސް ވައިގެ ޙާލަތު އެންމެ ދަށީ ބަންގުލަދޭޝުގައެވެ. އެ ޤައުމުގެ ވައިގެ ނުސާފުކަމުގެ ސަބަބުން އިންވެގެން އޮންނަ އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށްވެސް އޭގެ ނޭދެވޭ އަސަރުކޮށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ 250 މިލިއަނެއްހާ މީހުންގެ ޢުމުރުން 8 އަހަރު ކުރުވާނެކަމަށް ބެލެވެއެވެ. ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކޯވިޑް-19 ޖެހުމުގެ ނުރައްކާވެސް ބޮޑުކަމަށާއި ބަލިމަޑުކަން ފެތުރުން ހުއްޓުމުން ވައި ސާފުކުރުމަށް ޙާއްޞަ ސަމާލުމަކެއް ދިނުން މުހިންމުކަމަށް ގުރީންސްޓޯނު ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ވައި ނުސާފު ޤައުމުގެ އޮތުގައި ކުރިން އޮތް ޗައިނާގެ ވައިގެ ތެރޭގައި ހުންނަ ވިހަ މާއްދާގެ މިންވަރު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީނަމަވެސް ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގެ ވައިގެ ތަޣައްޔަރުކަންވަނީ ގާތްގަނޑަކަށް އެއް މިނެއްގައި ހިފެހެއްޓިފައިކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އެމެރިކާއާއި ވިލާތާއި ޖަޕާނުފަދަ ޤައުމުތަކުގައި ވައިގެ ފެންވަރު ރަނގަޅުކުރުމުގައި ކާމިޔާބުތަކެއް ހޯދާފައިވާކަމަށްވެސް ދިރާސާގައިވަނީ ބުނެފައެވެ.