ކުޅިވަރު

ތިންވަނަ ދައުރަކަށް ބޮޑު އަޣުލަބިއްޔަތަކާއެކު ތޮލާލް


އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ ރައީސް މުހައްމަދު ތޮލާލް އިންތިޚާބުވެވަޑައިގެންފިއެވެ.

ހެންވޭރު ބޯޅަ ގޭގައި ކުރިޔަށްގެންދިޔަ އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަޤާމަށް ތޮލާލް އިންތިޚާބުވީ ޔަޒްނީ ނަޝީދާ ވާދަކޮށެވެ. އެގޮތުން ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވި ތޮލާލަށް ފަނަރަ ވޯޓު ލިބިފައިވާއިރު، ޔަޒްނީ ނަޝީދަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ނާއިބު ރައީސް އާއި ހަޒާންދާރު އަދި އަންހެން މެމްބަރުކަމުގެ މަޤާމަށް އެންމެ މެމްބަރަކު ކުރިމަތިލައްވާފައިވާތީ މި މަޤާމްތައް ކަނޑައެޅީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެގޮތުން ނާއިބު ރައީސް ކަމުގެ މަޤާމަށް އަޙުމަދު އަޒީލް، ހަޒާންދާރުގެ މަޤާމަށް މުސްތަފާ މުހައްމަދު އަދި އަންހެން މެމްބަރުކަމުގެ މަޤާމަށް ޔާސްމީން ޢަބްދުﷲ އިންތިޚާބުވީ ފެންނަ ނުފެންނަކަމަށް ނެގި ވޯޓުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. އެއީ ފަނަރަ ވޯޓުންނެވެ.

މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯއަށް ފަސް މެމްބަރަކު ވަނީ ވާދަކޮށްފައެވެ. އެއީ މުޙައްމަދު ސުޖާއު، މުޙައްމަދު ޝާހިދު، އިބްރާހިމް ޢުމަރު އަދި އަޙުމަދު ޝަގީފް އިތުރުން ޙުސައިން އަމީން ނަޞީރުއެވެ. މި ފަސް މެމްބަރުންގެ ތެރެއިން އެކްސްކޯއަށް އިންތިޚާބުވި ތިން މެމްބަރުންނަކީ މުޙައްމަދު ސުޖާއު އާއި އަޙުމަދު ޝާފީގް އަދި ޙުސައިން އަމީން ނަޞީރުއެވެ.

އެގޮތުން މުޙައްމަދު ޝުޖާއުއަށް ފަނަރަ ވޯޓު ލިބިފައިވާއިރު އަޙުމަދު ޝަގީފަށް ސާދަ ވޯޓު ވަނީ ލިބިފައެވެ. އަދި ޙުސައިން އަމީން ނަޞީރަށް ލިބިފައިވަނީ ތޭރަ ވޯޓެއެވެ. އަނެއް ދެ މެމްބަރުން ކަމަށްވާ މުހައްމަދު ޝާހިދުއަށް ދެ ވޯޓު ލިބިފައިވާއިރު އިބްރާހިމް ޢުމަރަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.