އެއްވެސް އަހަރަކު ޙައްޖުގެ މަތިވެރި އަޅުކަން މެދުކެނޑިފައިނުވާކަމަށް ސަޢުދީ ޢަރަބިއްޔާގެ އުއްމުލްޣުރާ ޔުނިވަސިޓީން ބުނެފިއެވެ.
އުއްމުލް ޣުރާ ޔުނިވަސިޓީންވަނީ ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން އިސްލާމީ ތާރީޚުގެ އިތުރުން 40އަށްވުރެ ލިޔެކިއުން ދިރާސާކޮށްފައެވެ. އިސްލާމީ ތާރީޚުގެ ތެރެއިން އެއްވެސް އަހަރެއްގައި ޙައްޖުގެ އަޅުކަން މެދުކެނޑިފައިނުވާކަމަށް ދިރާސާގެ ހޯދުންތަކުން ބާރުދެއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ބައެއް އަހަރުތަކުގައި ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގެ މީހުންނަށް އަޅުކަމުގައި ބައިވެރިވެވިފައިނުވާކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.
ތާރީޚުގެ ތެރެއިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ހުރަސްއެޅުނު ބައެއް ސަބަބުތަކުގެ ތެރޭގައި ބަލިމަޑުކަމާއި ހަނގުރާމައާއި ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމާއި ކާބޯތަކެތީގެ ދަތިކަމާއި އިޖުތިމާޢީ ރައްކާތެރިކަން ނެތުން ހިމެނޭކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އެފަދަ ކަންކަމުގެ ސަބަބުން ބައެއް ޤައުމުތަކުގެ މީހުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވެވުނުނަމަވެސް އެއްވެސް ބަޔަކު ޙައްޖުގެ އަޅުކަން ޢަދާނުކުރާ އެއްވެސް އަހަރެއް ފާއިތުވެފައިނުވާކަމަށް ދިރާސާގެ ހޯދުންތަކުން ދައްކައެވެ.
އުއްމުލް ޣުރާ ޔުނިވަސިޓީން ކުރި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. އައިމަން އަލްސަފްރީ ވިދާޅުވީ ޙައްޖުގެ އަޅުކަމަކީ އިސްލާމުކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަމަށާއި ކޮންމެ އަހަރަކުވެސް ޢުއްމަތުގެ ކޮންމެވެސް އެއް ބަޔަކު އެ ރުކުން ޢަދާކުރުމުން ފުދޭކަމަށެވެ.