މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފެށުމަށް މައްކާގެ މިނާއަށް ޙައްޖުވެރިން އެއްވެއްޖެއެވެ.
ދުނިޔޭގައި ހަލުވިމަކާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ޙައްޖުގެ އަޅުކަން މެދުކަނޑައިނުލައި ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާ ޙައްޖުގައި ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް މި އަހަރު ބައިވެރިނުވެވޭނަކަމަށާއި އަޅުކަމުގައި ބައިވެރިވެވޭނެ މީހުންގެ ޢަދަދަކީ 1،000ކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ. އެއީ ޙައްޖުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ޔަޤީންކުރުމަށް ނިންމި ނިންމުމެކެވެ.
މި އަހަރުގެ ޙައްޖުގެ ކަންކަން ބެލެހެއްޓުމަށް 18،490 މުވައްޒަފުން ދަނީ ޙަރަކާތްތެރިވަމުންނެވެ. މައްކާއާއި މަދީނާގެ އިތުރުން ބައެއް އެހެން ސަރަޙައްދުތައް ހިމެނޭގޮތަށް ޙައްޖުވެރިންނަށް ޚިދުމަތްކުރުމަށް 28 މަރުކަޒުވަނީ ހުޅުވައިފައެވެ. އެންމެ ފަހުގެ ޒަމާނީ ސާމާނާއެކު މައްކާއާއި މަދީނާއާއި އެހެން ބާރުބޮޑު ސަރަޙައްދުތަކުގައި 13،500އަށްވުރެ ގިނަ މުޒައްޒަފުން ދަނީ ސާފުކުރުމުގެ ކަންކަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން މިނާގެ ބިންގަރާހުގައި 87،900އަށްވުރެ ގިނަ ކުނިއަޅާ ވަށިގަނޑުވެސްވަނީ ބަހައްޓައިފައެވެ.
ބާޒާރުތަކާއި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ރެސްޓޯރަންޓުތައްފަދަ ތަންތަން ބެލެހެއްޓުމުގައި ގިނަ ޢަދަދެއްގެ މުވައްޒަފުން ދަނީ ޙަރަކާތްތެރިވވަމުންނެވެ. އެ މީހުން ދަނީ އެ ތަންތަނުގައި ވިއްކާ ކާބޯތަކެތި ބަލައި ރައްކާތެރިނޫން ތަކެތި ނައްތާލުމުގެ އިތުރުން އަގުތައް ކަނޑައަޅައި ފެނުގެ ސާފުތާހިރުކަން ބަލަހައްޓަމުންނެއެވެ.
ޙައްޖާއި ޢީދާ ދިމާކޮށް އެންމެ ބާރުބޮޑުވާ އެއްގަމު ޖަނަވާރު ކަތިލާ ތަންތަނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަންވެސް އެ މުވައްޒަފުން ބަލަމުންދާނެއެވެ. އެ ތަންތަނުގައި ހުންނަ ޖަނަވާރުތަކުގެ ހަށިގަނޑުގައި ބައްުޔެއްގެ އަސަރު ނެތްކަން ޔަޤީންކޮށް، ޢާންމުން ކެއުމަށް ބޭނުންކުރާ މަހަކީ ރައްކާތެރި އެއްޗެއްކަން ޔަޤީންކުރާނެއެވެ.
ކަރަންޓުގެ ޚިދުމަތްތައް މެދުކެންޑުމެއްނެތި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށާއި މަގުތަކާއި ފާލަންތަލާއި ފާހާނާތަކާއި ފެންހިންދާ ނިޒާމުތައް ބަލައި ވަގުތުން ވަގުތަށް މަރާމާތުކުރުމުގެ އިންތިޒާމުވެސްވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން އަލިފާން ރޯވުމާއި ބޯކޮށް ވާރޭވެހުންފަދަ ކުއްލި ޙާލަތްތަކަށްވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ރައްކާތެރިކަން ޔަޤީންކުރުމަށް ޢަމަލުތައް ބަހައްޓަންވީގޮތާމެދު ޙައްޖާޖީން ހޭލުންތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއްވެސްވަނީ ފަށައިފައެވެ.