ދުނިޔޭގެ ވިޔަފާރި

ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް ޑެފިސިޓް 29.12 ބިލިއަން ޑޮލަރުގައި!


މިއަހަރުގެ 2 ވަނަ ކުއާޓަރު ނިމުނުއިރު ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް ޑެފިސިޓް 29.12 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް އެޤައުމުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2 ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓަރުގައި ސައުދީ ޢަރަބިއްޔާއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރާ އަޅާބަލާއިރު 49 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ތެލުން ލިބުނު އާމްދަނީ 45 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެހެނިހެން އާމްދަނީ ވަނީ 55 އިންސައްތަ ދަށަށް ގޮސްފައެވެ.

ދެވަނަ ކުއާޓަރުގައި ސަޢުދީ ޢަރަބިއްޔާއަށް 35.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ޚަރަދުތައް އުޅުނީ 64.8 ބިލިއަން ޑޮލަރުގައެވެ.

ސައުދީގެ އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެނެވެ. ސައުދީގެ އާމްދަނީ ދަށްވުމާ ގުޅިގެން އެޤައުމުން ވަނީ ޚަރަދުތައް 8 އިންސައްތައިން ކުޑަކޮށްފައެވެ.