ދުނިޔޭގެ ވިޔަފާރި

މެކްޑޮނާލްޑްސްގެ އާމްދަނީ 30 އިންސައްތަ ދަށަށް!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައުޓްލެޓްތައް ނުވަތަ ރެސްޓޯރަންޓް ހުޅުވާފައިވާ މަޝްހޫރު މެކްޑޮނާލްޑްސްގެ އާމްދަނީ މިދިޔަ ކުއާޓަރުގައި 30 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މެކްޑޮނާލްޑްސްގެ މާލީ ހިސާބުތައް ދައްކާގޮތުން އޭޕްރީލްއިން ޖޫންއަށް ކުރިއަށްދިޔަ މިއަހަރު ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.77 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ. އަދި އެކުންފުންޏަށް ލިބުނު ފައިދާ 483 މިލިއަން ޑޮލަރުގައި އުޅޭއިރު، މިއީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރާ އަޅާބަލާއިރު 68 އިންސައްތަ ދަށް އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި މެކްއަށް ލިބުނު އާމްދަނީ ދަށްވިޔަސް، އެކުންފުނީގެ ވިޔަފާރި މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެމެރިކާގައި ހިނގާ އެކުންފުނީގެ ވިޔަފާރި އޭޕްރީލްމަހު 19 އިންސައްތަ ދަށްވުމަށްފަހު، މޭމަހު ވަނީ އެއަށްވުރެ ރަނގަޅުވެފައެވެ. އަދި އޭޕްރީލްމަހާއި މޭމަހާއި އަޅާބަލާއިރު އެކުންފުނީގެ ވިޔަފާރި ވަނީ މިދިޔަ ޖޫންމަހު ރަނގަޅުވެފައެވެ.

މެކްގެ ސީއީއޯ ކެމްޕްޒިންސްކީ ބުނީ ކޯވިޑްއާ ގުޅިގެން އަންނަ ބަދަލުތަކާއެކު މަސައްކަތްކުރުމަށް މެކްއިން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޖުލައިމަހު އެކުންފުނީގެ ވިޔަފާރި ކުރިއަށްވުރެ ރަނގަޅުވާނޭކަމަށް އުއްމީދުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގައި މެކްޑޮނާލްޑްސްގެ އައުޓްލެޓްތައް ހިންގަމުންދާއިރު އެތަންތަނުގައި 35 ހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި ކޯވިޑްގެ ކުރިން މެކްއިން ޚިދުމަތް ހޯދާ މީހުންގެ އަދަދު އުޅުނީ 60 މިލިއަނަށްވުރެ މަތީގައެވެ.