ވިޔަފާރި

ހިދުމަތްތައް ފުޅާކޮށް، އެސްބީއައިގެ ކަސްޓަމަރުން އިތުރުކުރަނީ


ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތު މިޝްރާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ސީއީއޯ މިޝްރާ ވިދާޅުވީ މިހާރު އެބޭންކުގެ ހިދުމަތް ހޯދަނީ ފަންސާސް ހާސް ކަސްޓަމަރުންކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ އަދަދު އިތުރުކޮށް، ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަމާޒަކީ ދެވޭ ހިދުމަތްވެސް އަދި ކަސްޓަމަރުންގެ އަދަދުވެސް އިތުރުކުރުންކަމަށް މިޝްރާ ވިދާޅުވިއެވެ.

"ކަސްޓަމަރުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން. ކޯވިޑް-19ގެ ކުރިން މިމަސައްކަތް ފެށުނު، އެކަމަކު މިކަން ކޯވިޑް-19ގެ ލޮކްޑައުންނާއި ހެދީ މަޑުޖެހުން. އަޅުގަނޑުމެން މިދަނީ ވިޔަފާރި އަދި އާންމު ކަސްޓަމަރުން އިތުރުކުރުމަށް އެފަރާތްތަކަށް ގުޅުން ބަދަހިކުރަމުން. އަދި ވިޔަފާރި އަދި އާންމު ކަސްޓަމަރުން ބޭނުންވަނީ ކޮންކޮން ހިދުމަތްތަކެއްތޯ އޮޅުންފިލުވާ އެހިދުމަތްތައް ތައަރަފްކުރަމުން." މިޝްރާ ވިދާޅުވިއެވެ.

މިޝްރާ ވިދާޅުވީ ކުރިން އެބޭންކުގައި ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވަން 10000 ރުފިޔާ ޑިޕޮސިޓް ކުރަންޖެހެއެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 5000 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޮލަރު އެކައުންޓެއް ހުޅުވަން ކުރިން 2000 ޑޮލަރު ނަގާއިރު، މިހާރު 500 ޑޮލަރުން އެކައުންޓް ހުޅުވޭނެކަމަސްވެސް މިޝްރާ ވިދާޅުވިއެވެ.

މިޝްރާ ވިދާޅުވީ އެބޭންކުގެ ޑެބިޓް ކާޑު ބައްލަވައިގަންވަނާ ފަރާތްތަކަށް އޮންލައިންކޮށް އަދި އިންޓަރނޭޝަނަލްކޮށް ކާޑު ބޭނުންކުރަން ޖެހެނީ އެކަމަށް އެދި އަލުން ރެޖިސްޓަރ ކޮށްގެން ކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަސޭހައަކަށް އެކައުންޓު ހުޅުވާ، ކާޑު ހޯދާ ހިސާބުން އިތުރު ރެޖިސްޓްރޭޝަނަކާއި ނުލާ ހުރިހާ ހިދުމަތެއްވެސް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްބީއައިއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އެބޭންކުގެ ޑިޖިޓަލް އެޕްލިކޭޝަން، ޔޯލޯ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މިޝްރާ ވިދާޅުވީ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހައިން ގިނަ ހިދުމަތްތަކެއް ލިބޭ މި އެޕްލިކޭޝަން ވީހާވެސް ގިނަ ފަރާތްތަކަކަށް ތަޢާރަފްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި އެސްބީއައިގެ ބްރާންޗެއް ހުޅުވާފައިވަނީ 1974 ވަނަ އަހަރު އެވެ. މިހާރު އެބޭންކުން މާލެ، ހުޅުމާލެ، މާމިގިލި އަދި ހިތަދޫގައި ދަނީ ބްރާންޗްތައް ހިންގަމުންނެވެ.