ވިޔަފާރި

މިފްކޯއިން "ގިތެޔޮ މިރުސް މަސްދަޅު" ބާޒާރަށް ނެރެފި


މިފްކޯއިން "ގިތެޔޮ މިރުސް މަސްދަޅު"ގެ ނަމުގައި މުޅިން އާ ރަހައެއްގެ މަސް ދަޅެއް ބާޒާރަށް ނެރެފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ފަސްމީރު ބްރޭންޑުގެ މަސްދަޅުތަކުގެ ތެރެއަށް "ގިތެޔޮ މިރުސް" މަސްދަޅު ތަޢާރަފްކުރީ ރޭ މިފްކޯ މަސް ފިހާރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިފްކޯއިން ބުނީ "ޓޫނާ ޗަންކްސް ވިތު ހޮޓް ޗިލީ" ނުވަތަ ގިތެޔޮމިރުސް މަސްދަޅު ބާޒާރަށް ނެރުނީ ކުޅި ރަހަތަކަށް ހާއްސަކޮށް ނެރެފައިވާ "ހޮޓް ޕެކް"ގެ އަސޭމިރުސް އާއި ހިކި މިރުސް\ މަސްދަޅުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާތީކަމަށެވެ. އަދި ގިތެޔޮ މިރުސް މަސްދަޅު ތައްޔާރުކުމުގައި ކޮލިޓީ ރަނގަޅުކުރުމަށް ހޮޓްޕެކް ހެދުމަށް ބޭނުންވާ ތަކެތި ހޯދަނީ ވަރަށް ބޮޑަށް ބަލައިގެންކަމަށެވެ. އެގޮތުން ގިތެޔޮމިރުސް މަސްދަޅަކީ ރާއްޖެއިން ލިބެންހުރި އެންމެ މީރު މިރުސް އަޅައިގެން ތައްޔާރުކުރާ އުފެއްދުމެއްކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ގިތެޔޮމިރުސް މަސްދަޅު ވިއްކަނީ ކޭހެއް 670 ރުފިޔާ އަށެވެ. އަދި ވަކިން މަސްދަޅެއް 14.50 ރުފިޔާއަށެވެ. މި މަސްދަޅު މާދަމާއިން ފެށިގެން މިފްކޯގެ ތިން މަސްފިހާރައިގެ އިތުރުން އައިސްޕްލާންޓުތަކުންނާއި، މަސްފިހާރާގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަސްމީރު ގޭދޮށު ފިހާރައިންވެސް ގަނޑުކޮށް އަދި ވަކިންވެސް ލިބޭނެއެވެ.

މިފްކޯއިން ރާއްޖޭގެ ބާޒާރަށް ނެރޭ މަހުގެ އުފެއްދުންތަކުގެ އިތުރުން ރިސޯޓު، ހޮޓާތަކަށް ހާއްސަ ތަކެތި އަދި ރާއްޖެއިން ބޭރުގެ ބާޒާރަށް ހާއްސަކޮށްވެސް ދަނީ މަހުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ.