ޚަބަރު

ކޯވިޑް-19 : ޔުނިވާސަލްއިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި


ރާއްޖޭގައި ކޯވިޑަށް ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ޔުނިވަރސަލް އެންޓަޕްރައިސަސްގެ ފަރާތުން ޕީ.ސީ.އާރު ދެ މެޝިން ހަދިޔާކޮށްފިއެވެ.

ޕީ.ސީ.އާރު މެޝިންތައް ރަސްމީކޮށް މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކުރީ މިކަމަށްޓަކައި ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ. ޔުނިވާސަލްގެ ފަރާތުން މީގެކުރިންވަނީ 20،000 ޓެސްޓް ކިޓްވެސް ހަދިޔާކޮށްފައެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދުގައި މިހާރުވަނީ ކޯވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތަކާއި ފަރުވާދެވޭނެ ފެސިލިޓީތަށް ޤާއިމުކޮށްފައެވެ.