ޚަބަރު

ޙާލަތާ އެކަށީގެންވާގޮތަށް ޚިޔާލު ފާޅުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި


މިދުވަސްވަރަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ދުވަސްވަރަކަށްވުމުން މަގުތަކަށް ނުކުމެއުޅުމުގައި، ސަމާލުވެ، ޤާނޫނީ ތަރަހައިގެ ތެރެއިން، ޙާލަތާ އެކަށީގެންވާ ގޮތަށް ޚިޔާލުފާޅުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ސިއްހަތު ރައްކާތެރިކުރުމަށް އަންނަ މަހުގެ 7ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެއުޅުން ހުއްޓާލުމަށް އެޗްޕީއޭއިން އިޢުލާންކުރައްވާފައިވާކަން ފާހަގަކުރައްވައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ޚިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި، ބައެއް މީހުން މާސްކްވެސް ނާޅާ އެއްވުންތައް ކުރިއަށް ގެންދާކަން މޯލްޑިވްސް ޕޮލިސް ސަރވިސަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިއީ ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވާ ޢަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި، ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނަށްވެސް ބަލިޖެހޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ މަގުތަކަށް ނުކުމެ އުޅުމުގައި، ސިއްޙީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މީގެ އިތުރުން ޤާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތާ އެކަށީގެންވާގޮތްތައް ހިޔާލުފާޅު ކުރެއްވުމަށާ، އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިން ތަކާ އެއްގޮތަށް އިޖުތިމާއީ ގައިދުރުކަން ބެހައްޓައި އެންމެންވެސް މާސްކް އަޅައިގެން ހަރަކާތްތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެންމެންވެސް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ"އެއްގޮތަށް ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް، އަބަދުވެސް ފެންނަންހުންނަ ގޮތަށް ފާސް އަޅައިގެން ހަރަކާތްތެރިވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއްވުން ހިނގަމުންދާ ސަރަހައްދު ތަކުގައި ޕޮލިސް މީޑިއާގެ ފަރާތުން އޮފިޝަލުން ހަރަކާތެރިވަމުންދާނެކަމަށާއި އެއްވެސް އެއްވުމެއް ނުވަތަ ފުލުހުންނާ ގުޅޭ ހަރަކާތެއް ކަވަރު ކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ވެއްޖެނަމަ ފުލުހުންގެ މީޑިއާގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުންނާ ނުވަތަ ޕޮލިސް މީޑިއާގެ ނަންބަރަށް ގުޅައިގެން އެކަން ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.

މުޖުތަމަޢުގެ ރައްކާތެރިކަމާއި އެއްވުންތަކުގައި ބައިވެރިވާ މީހުންނާއި، އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާއި ސަލާމަތީކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، އެންމެހާ ފަރާތްތަކުން ފުލުހުންގެ މި އެންގެވުންތަކާއި އެއްގޮތަށް އަމަލުކުރެއވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުއްވާފައިމިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިނިވަން ސުލްހަވެރި އިޙްތިޖާޖްގެ ނަމުގައި މާލޭގެ މަގުތަކަށްއެއްވެ ޝުޢޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.