ޚަބަރު

ބ.ތުޅާދޫއަށް 800 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި


ބ.ތުޅާދޫއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެރަށައް އިތުރު ޖަނަރޭޓަރެއް ގެންގޮސްފިއެވެ. އެރަށަށް ގެންގޮސްފައި ވަނީ 800 ކިލޯ ވޮޓުގެ ޖަނަރޭޓަރެއްކަމަށް ފެނަކައިން ވިދާޅުވެއެވެ.

ޖަނަރޭޓަރު އެރަށައް ގެންގޮސް މިހާރު ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔައަހަރުވެސް ތުޅާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ވަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ. ތުޅާދޫގައި މިހާރު ކަރަންޓު ފޯރުކޮށްދެމުން ގެންދަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އެރަށުގައި އިތުރު 200 ކިލޯވޮޓުގެ 2 ޖެނަރޭޓަރު މިހާރު ހުރިނަމަވެސް އެ ދެ ޖަނަރޭޓަރުވެސް ވަރަށްބޮޑަށް ބާވެފައިވާކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ މިހާރުވެސް އެރަށަށް އެއްފަހަރާ 670 ކިލޯވޮޓުގެ ކަރަންޓު ބޭނުންވާކަމަށެވެ. ރަޝީދު ވިދާޅުވީ ތުޅާދޫގައި އަލަށް އާބާދުވާ ސަރަޙައްދުގެ ގެތަކަށްވެސް ކަރަންޓު ފޯރުކޮށްދޭންޖެހޭތީ އެ ސަރަހައްދަށް ބޭނުންވާނެ ކަރަންޓްގެ ކެޕޭސިޓީ ބަލަމުންދާކަމަށެވެ. އެގޮތުން 1 މެގަވޮޓުގެ ޖަނަރޭޓަރެއްގެ އިތުރަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންވާނެކަން ފެނަކައިން ފާހަގަކުރައްވާފައިވާކަން ރަޝީދު ވިދާޅުވިއެވެ. ތުޅާދޫގައި އަލަށް އާބާދުވާ ސަރަޙައްދުން 238 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތުޅާދޫގެ އާބާދީއަކީ 3000އެވެ. އަދި 600 ކަސްޓަމަރުން މިހާރުވެސް ފެނަކައިގައި ރަޖިސްޓަރވެފައިވާކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.