ރ. ދުވާފަރު ފިހާރައަކުން ވަގަށް ނެގި ފައިސާތަކެއް ހޯދައި އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު ފިހާރައަކުން ފައިސާތަކެއް ވަގަށް ނެގިކަމަަށްބުނެ އިއްޔެގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އިއްޔެ 19:40 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.
ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 1050 ރުފިޔާ ހޯދާފައިވާއިރު، މިފައިސާތައް ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މިހާ އުޅެމުންދާ ގެއިންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާތަނަށް ބެލިބެލިމުން އެފިހާރައިން ވަގަށް ނަގާފައިވަނީ 1900 ރުފިޔާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.