ޚަބަރު

ލޮވްރެން ޒެނިތަށް، ވާޓޮންގެން ޓޮޓެންހަމުން ވަކިވެއްޖެ


ލިވަޕޫލަށް ހަ އަހަރު ކުޅެދިނުމަށްފަހު ކްރޮއޭޝިޔާގެ ޑިފެންޑަރު ޑެޖާން ލޮވްރެން ރަޝިޔާގެ ޒެނިތް ޕީޓަސްބާގަށް ބަދަލުވެއްޖެއެވެ.

20 މިލިއަން ޕައުންޑަށް 2014 ވަނަ އަހަރު ސައުތެމްޓަނުން ގެނައި އުމުރުން 31 އަހަރުގެ ޑިފެންޑަރު ލިވަޕޫލް ދޫކޮށްލީ އޭނާއަށް މިހާރު ފުރަތަމަ 11އިން ގަވާއިދުން ޖާގަ ނުލިބޭތީއެވެ.

ނިމިދިޔަ ސީޒަނުގައި އޭނާ ކުޅެފައިވަނީ އެންމެ 10 މެޗުގައެވެ. އޭނާވަނީ ލިވަޕޫލަށް ކުޅެދިން 131 މެޗުގައި ފަސް ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ އެއް ގޯލަކީ 2015 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ބަލިކުރަން ޖެހިގޯލެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ލޮވްރެންއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ބުނީ ލިވަޕޫލް ދޫކޮށްދިޔައީ ލެޖެންޑެއް ކަމަށާއި ލޮވްރެން އަކީ އޭނާގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމުގައު މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެއް ކަމަށެވެ.

ޓޮޓެންހަމުގެ ޑިފެންޑަރު ޔޭން ވާޓޮންގެން އަށް އަހަރަށް ފަހު ކުލަބު ދޫކޮށްލީ ކޯޗު ހޯސޭ މޮރީނިއޯ ޓީމާ ހަވާލުވިފަހުން ފުރަތަމަ 11އިން ޖާގަ ލިބުން މަދުވުމުންނެވެ.
އުމުރުން 33 އަހަރުގެ ޑިފެންޑަރު ބުނީ ކުލަބު ދޫކޮށްލަންޖެހުމުން ދެރަވާ ކަމަށާއި ނަމަވެސް ކުލަބަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.