ވިޔަފާރި

ކެފޭ، ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރާނަން- ރޭމް


ރާއްޖޭގެ ރެސްޓޯރެންޓް، ކެފޭ ތަކުގައި ދިވެހިން މަސައްކަތްކުރާ މިންވަރު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ރޭމްއިން ބުނެފިއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަންގެ މަސައްކަތްތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތުދެމުން، ރޭމްގެފައުންޑިން މެންބަރެއްކަމަށްވާ ނުޒައިރު އަލީ ވިދާޅުވީ ކެފޭ ރެސްޓޯރެންޓުތަކުގެ ހިންގުން ހަރުދަނާކޮށް، ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް އެސޯސިއޭޝަނުން ކުރުމަށް ރާވާފައިވާކަމަށެވެ. މިގޮތުން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ މިދާއިރާގައި ދިވެހިން ބިނާކުރުމުގެ މަސައްކަތް ކަމަށް ނުޒައިރު ފާހަގަކުރިއެވެ.

"ރެސްޓޯރެންޓް އެސޯސިއޭޝަނުން އެންމެ ބޮޑަށް ކުރާނެ މަސައްކަތަކީ ދިވެހިން މިދާއިރާއަށް ބިނާކުރުން. މިހާރުވެސް އަޅުގަނޑުމެނަށް އިނގޭ ދިވެހިން ވަރަށް މަދުކަން މިދާއިރާގައި. ދިވެހިން މަދުވާ ސަބަބުތަކެއް އެބަހުރި. މީގެތެރޭގައި އެބަޖެހޭ ދިވެހިން ހޭލުންތެރިކުރުވަން. ދެވަނަ ކަމަކަށް ތަމްރީން ދޭންޖެހޭ. މިޖަމިއްޔާއިން ކުރިޔަށް އޮތް އަހަރުތަކުގައި އެންމެ އިސްކަމެއް ދޭނީ ދިވެހިން މިދާއިރާއަށް ނެރި، ދވެހިން ދާއިރަގައި ހަރުލެއްވޭނެ ގޮތެއް ހެދުން" ނުޒެއިރު ވިދާޅުވިއެވެ.

ނުޒައިރު ފާހަގަކުރި ގޮތުގައި އެސޯސިއޭޝަންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، އެސޯސިއޭޝަން ހިންގުމުގައި ޒުވާނުން އިތުރަށް ޝާމިލްކުރުމަކީ އެއެސޯސިއޭޝަންގެ އަމާޒެއްކަމަށެވެ. އަދި މިދާއިރާގައި އެންމެ ފާހަގަކުރެވޭ ހިދުމަތްދޭ ފަރާތްތަކަށް އެވޯޑެއްވެސް ތައާރަފްކުރަން ވިސްނާފައިވާކަމަށް ނުޒައިރު ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ މެންބަރެއްކަމަށްވާ ހުސެން އިސްމާއިލް ވިދާޅުވީ އާންމު ކެފޭ ރެސްޓޯރެންޓުތަކުގައި ބިދޭސީން ގެންގުޅޭ މިންވަރު މަދުކޮށް، ދިވެހިންނަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެސޯސިއޭޝަނުން މަސައްކަތް ކުރާނެއެވެ. ހަސަން ވިދާޅުވީ ކެފޭ ރެސްޓޯރެންޓުތައް ހިންގުމަށް ހުރި ދަތިތައް ދެނެގަނެ ބޭނުންވާ ބަދަލުތައް ގެނައުމަށް ހުރިހާ ފަރާތެއް އެކުގައި މަސައްކަތްކުރުމަށް މިފަދަ އެސޯސިއޭޝަނެއް އޮތުން މުހިންމުކަމަށެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ ހޮވުމަށް އޯގަސްޓް މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވަނީ ނިންމާފައެވެ. އިންތިހާބުގައި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ރައީސްއާއި، 2 ނައިބުރައީސްއާއި، ސެކްރެޓަރީ، ހަޒާންދާރު އަދި ބޯޑު މެންބަރެއް ހޮވާނެއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ރެސްޓޯރަންޓް، ކެފޭ ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ކުރިއެރުވުމާއި އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މި ދާއިރާއިން މީހުން ބިނާކުރުމަކީވެސް ޖަމުޢިއްޔާގެ މަޤްޞަދެއްކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

އާދަނު

ކެފޭ ރެސްޓޯރަންޓްގެ ޙިދްމަތުގެ ފެންވަރު ރަނގަލޫކރުމަށް މަސައްކަތްކުރާއިރު އެތަންތަނުގައި ކާނާގެ ރައްކާތެރިކަމާގުޅޭގޮތުން ތަމްރީނުވެފައިވާ 1 މުވައްޒަފަކު (އެންމެ މަދުވެގެން ) ބަހައްޓަންޖެހޭ ކަމަށް އެޗް.ޕީ،އޭ. އިން ނެރެފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވޭ. ވީމާ މިކަމަށް ސަމާލުކަމެއްދެއްވައިގެން ކާބޯތަކެތި ތައްޔާރުކުރުމާ ގެންގުޅުމުގައި ، ކެފޭ ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރައްވާ ދިވެހިީން ތަމްރީނުކޮށް މިދާއިރާއިން ދިވެހި ޒުވާނުން ނެރުމަށް މަސައްކަތްތަކެއް ކޯށްދެއްވުަމށް ދަންނަވަން. ކެފޭ ރެސްޓޯރަންޓަކަށް ދާއިރު ދިވެހި ވޭޓާރުންނާ ބައްދަލުވުމަކީ ވަރަށް ހިތްހަމަ ޖެހޭކަމެއް. މިކަން އިހުސާސްވަނީ ފުވައމުލަކުގެ ރެސޓޯރަންޓްތަކުން . އެބޭފުޅުންގެ ޙިދްމަތްވަރަށް ތަފާތު. ކަސްޓަމަރުންނަށް ހިދްމަތްދިނުމަށް އެބޭފުޅުންވަނީ ތަމްރީނުވެ ތައްޔާރުވެފައި.