ދުނިޔޭގެ ވިޔަފާރި

އަންނަ ޖުލައިގެ ނިޔަލަށް ގޫގުލްގެ މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި


ގޫގުލްގެ މުވައްޒަފުން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު ދީފިއެވެ.

އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތްކުރުމުގެ ފުރުޞަތު ގޫގުލްއިން ފަހިކޮށްދީފައިވާއިރު، ކުރިން އެކުންފުނިން ނިންމާފައި އޮތީ މިއަހަރު ނިމެންދެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ އޮފީހުގައި ތިބެގެން ކޮންމެހެން މަސައްކަތްކުރަންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އޮންނާނެކަމަށެވެ. ގޫގުލްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރާ އެކުންފުނީގެ 42 އޮފީހެއް ވަނީ ކޯވިޑްއާ ގުޅިގެން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައެވެ.

މާޗުމަހުން ފެށިގެން ގޫގުލްގެ ގިނަ މުވައްޒަން ގޭގައި މަސައްކަތްކުރަން ފެށިއިރު ގޫގުލްއިން ވަނީ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ހަމަޖައްސާދީފައެވެ. އެގޮތުން ޞިއްހީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބޭކަން ގޫގުލްއިން ޔަޤީންކުރާނެއެވެ. މީގެއިތުރުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީންތައް އޮންލައިންކޮށް ދަނީ މުވައްޒަފުންނަށް ފޯރުކޮށްދެމުންނެވެ. އަދި ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ ތަކެތި ހޯދުމަށް ގޫގުލްގެ މުވައްޒަފުންނަށް ވަނީ 1000 ޑޮލަރުގެ އެލަވަންސްއެއްވެސް ދީފައެވެ.

ގޫގުލްގެ އިތުރުން ޓެކްނޮލޮޖީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތައްކަމަށްވާ ފޭސްބުކްއާއި ޓްވިޓަރފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންވެސް މިހާރު މަސައްކަތްކުރަނީ ގޭގައި ތިބެގެނެވެ.

ތަޖުރިބާކާރުން ބުނާގޮތުން ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އިތުރުކުރުމުން ކޯވިޑްގެ ކަންތައްތައް ހަމައަކަށް އެޅެން އަދިވެސް ގިނަ ދުވަސް ނަގާނެކަން ހާމަވާކަމަށެވެ. އަދި ޓެކް ކުންފުނިތަކޭ އެއްގޮތަށް އެހެން ކުންފުނިތަކުންވެސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ކުރިއަށް އޮތްތާނގައި ނިންމާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.