ދުނިޔެ

މެޑިޓަރޭނިއަން ކަނޑަށް ބޯޓެއް ބަންޑުން ޖަހާލުން


ލީބިޔާއިން ފުރައިގެން ވިލާތުގެ ބައްރަށް ދަތުރު
ކުރަމުންދިޔަ ބޯޓެއް މެޑިޓަރޭނިޔަން ކަނޑަށް ބަންޑުން ޖަހާލުމުގެ ސަބަބުން އެތަށް
ސަތޭކަ ބަޔަކު ޣަރަގުވެގެން މަރުވެފައިވެދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް
ލީބިޔާއިން ބުނެފިއެވެ. ލީބިޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ އެ ބޯޓު ބަންޑުން
ޖަހާލާފައިވަނީ ލީބިޔާގެ ހުޅަނގުގެ ރަށެއްކަމަށްވާ ޒުވާރާގެ އައްސޭރި ފަށާ ކައިރި
ހިސާބަކަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. ލީބިޔާގައި އޮތް ދެސަރުކާރުގެ
ތެރެއިން ވެރިރަށް ތަރާބްލްސްގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ކޯސްޓްގާޑުގެ
މަސްއޫލުވެރިއަކު ވިދާޅުވީ މިބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން ދުއިސައްތަ
އެއްހާމީހުން މެޑިޓަރޭނިޔަން ކަނޑުގައިވާނެ ކަމަށްބެލެވޭކަމަށާ އޭގެތެރެއިން
ޣަރަގުވެ މަރުވެފައިވާ އެތައް ބައެއްގެ ހަށިތައް ލީބިޔާގެ ކޯސްޓްގާޑުން ނަގާފައިވާ
ކަމަށެވެ. އަދި
ކަނޑުގައި ވަނިކޮށް ފަންސަވީހަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާނެ
ކަމަށްވެސް ލީބިޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ވިލާތުގެ ބައްރަށް ދިޔުމަށްޓަކައި މިބޯޓު
ފުރިކަމަށްވަނީ ލީބިޔާގެ ހުޅަނގުގެ އައްސޭރި ފަށުގެ ބަނދަރަކުންނެވެ. ލީބިޔާގެ ގިނަ
ސަރަހައްދުތަކަކީ ސަރުކާރުގެ ބާރު ނުހިނގާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ
ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކެވެ. ވިލާތުގެ ބައްރަށް ހިޖްރަކުރަން ބޭނުންވާ އެފްރިކާއާއި
އޭޝިޔާގެ އެތައް ސަތޭކަ ބަޔަކު ކުދިކުދި ބޯޓުތަކަށްއަރުވައިގެން މެޑިޓަރޭނިޔަން
ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް ދިޔުމަށް ކުރާ މިދަތުރުތައް އިންތިޒާމް ކުރަނީ
އިންސާނުންގެ ވަގުވިޔަފާރިކުރާ ގޭންތަކުންނެވެ. މިގޮތަށް ކުރާ ދަތުރުތަކުގައި މިއަހަރު ތެރޭގައި
އެކަނިވެސް ސައުވީސް ހާހަށްވުރެ
ގިނަމީހުން މެޑިޓަރޭނިޔަން ކަނޑަށް ޣަރަގުވެގެން މަރުވެފައިވާއިރު، ދެލައްކައަށްވުރެ ގިނަމީހުން ޣައިރުގާނޫނީ ގޮތުން ވިލާތުގެ ބައްރަށް
ހިޖްރަކޮށްފައިވާ ކަމަށް ރިޕޯޓްތައްބުނެއެވެ. އަނެއްކޮޅުން މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ
ބައްރަށް ހިޖްރަކޮށްފައިވާ އެތައް ހާސް ބައެއްގެ ތެރެއިން ފަންސާސް  މީހެއްގެ މަރުވެފައިވާ ހަށިތައް ހަންގެރީއާއި
އޮސްޓްރިޔާ ގުޅުވައިދޭ ހައިވޭގެ ކައިރީގައި މަޑުކޮށްފައިއޮތް ލޮރީއަކުން
އިއްޔެވަނީ ފެނިފައެވެ.މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް
ހިޖްރަކުރަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު ވިލާތުގެ
ދެކުނުގެ ގައުމުތަކަށް ވަނީ މިކަން ވަރަށްބޮޑު މައްސަލައަކަށްވެފައެވެ. ޣައިރު ގާނޫނީ
ގޮތުން އެތަށް ހާސްބަޔަކު ކޮންމެ ދުވަހަކު ވިލާތުގެ ބައްރަށް ހިޖްރަކުރަމުން
ދާއިރު އެމީހުން ދާއިމީ ގޮތެއްގައި ބަލައިގަތުމަށް ވިލާތުގެ ގައުމުތަކުން ގެންދަނީ
ދެކޮޅު ހަދަމުންނެވެ. ޣައިރު ގާނޫނީ މުހާޖިރުން ވަންނަ މައްސަލަ އެންމެ
ބޮޑުވެފައިވާ ބޯލްކަން ސަރަހައްދުގެ ހުޅަނގުގެ ގައުމުތަކުން ވަނީ މިފަދަ
މީހުންނަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރަހައްދީ ރޮނގުތައްވެސް މިހާރު
ބަންދުކޮށްފައެވެ.