ވިޔަފާރި

ޤާނޫނަށް ގެނައި އިސްލާހާއެކު ޑިއުޓީ ކުޑަވެ، މުދަލުގެ އަގު ހެޔޮވާނެ


އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ވިޔަފާރިވެރިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީން އަހަރެއްގެ މައްޗަށް 178 މިލިއަން ރުފިޔާ ކުޑަވެ، މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވީ، ޤާނޫނަށް ގެނައި އިސްލާހާއެކު ކަސްޓަމްސްއިން މުދަލަށް ޑިއުޓީ ނަގާނީ އެޕްއޯބީ އަގުންނެވެ. މީގެކުރިން ކަސްޓަމްސްއިން ޑިއުޓީ ނަގަމުން އައީ ސީއެފްއައި އަގުންނެވެ.

ނިޔާޒް ވިދާޅުވީ، އެފްއޯބީ އަގުން ޑިއުޓީ ނަގަން ކަނޑައެޅުމުން މުދާ ރާއްޖެއަށް ގެނައުމަށް ހޭދަވާ ހަރަދުން ޑިއުޓީ ނުނަގައި، ޑިއުޓީ ނަގާނީ ހަމައެކަނި މުދަލުގެ އަގުންކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިން ޑިއުޓީގެ ގޮތުގައި ދައްކަމުން އަންނަ އަދަދުން ބޮޑުބައެއް ސަލާމަތްވެގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޑިކްލަރޭޝަން ހުށައެޅުމުގެ ބޭނުމަށް މުދާ ރާއްޖެއަށް ގެނައުމަށް ހޭދަވި އަދަދު އަދިވެސް ޑިކްލަޔަރ ކުރާގޮތައް މިއިންނަނީ އެކަމަކު އެއަދަދަކީ އެއްވެސް ވަރަކަށް ޑިއުޓީ ހިސާބުކުރުމުގައި ހިމަނާނެ އަދަދެއްނޫން. މީގެ ސަބަބުން ވަރަށް ބޮޑު އަދަދެއް ވިޔަފާރިވެރިންނަށް ސަލާމަތް ކުރެވޭނެކަމަށް. އަޅުގަނޑުމެން އަންދާޒާ މިކުރަނީ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި 178 މިލިއަން ރުފިޔާ ވިޔަފާރިވެރިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީއާއި ސަލާމަތްވެގެންދާނެ." އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ވިޔަފާރިވެރިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީގެ އަދަދު ދަށްވުމުގެ ސަބަބުން އާންމުންނަށް މުދާ ލިބިގެންދާއިރު އަގު ހެޔޮވެގެންދާނެކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނައި 17 ވަނަ އިސްލާޙުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބައެއް ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށް އަނެއްބައި ބާވަތްތަކުގެ ޑިއުޓީ ރޭޓްވަނީ ސުންޕަސެންޓަށް ދަށްކޮށްފައެވެ. މި ބަދަލާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކުދި ނުވަތަ މެދުފަނތީގެ ވިޔަފާރިތަކަށް ފަހިވާގޮތައް މިފަހަރު ބިލު މިއޮތީ ނިމިގެންގޮއްސައި. މިބަދަލާއިއެކު ފެހުމާއި މާޖެހުމުގެ މަސައްކަތްތަކަށް ބަލާނަމަ އަހަރެއްގެ މައްޗަށް އެބޭފުޅުންނަށް 17 މިލިއަން ރުފިޔާގެ މުދަލުން ޑިއުޓީ މިވަނީ ކަނޑާލެވިފައި. ބޯޓު ބިލްޑިންގެ މަސައްކަތްތަކަށް 20 މިލިއަން ރުފިޔާގެ މުދާ މި އިސްލާހާއިއެކު ޑިއުޓީގެ ގޮތުގައި އެބަ އުނިވެގެންދޭ. ކޮންސްޓްރަކްޝަންއަށް އެތެރެކުރާ މުދަލުން 40 މިލިއަން ރުފިޔާ އަގުން ކުޑަވާނެ. މަސްވެރިކަމާއި ދަނޑުވެރިކަމުން 91 މިލިއަން ރުފިޔާގެ މުދާ އެބަ ޑިއުޓީ އުނިވެގެންދޭ" ނިޔާޒް ވިދާޅުވިއެވެ.

މި އިސްލާހާއިއެކު ބައެއް ބާވަތްތަކުގެ ޑިއުޓީ ވަނީ ބޮޑުވެސްކޮށްފައެވެ. އޭގެތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި، އެނަރޖީ ޑްރިންސްއާއި، ސިނގިރޭޓާއި ސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން ސޮސެޖުގެ ބާވަތްތަކުން 15 އިންސައްތައިގެ ޑިއުޓީއެއް ނަގަން ވަނީ ކަނޑައަޅާފައެވެ. މެޓާއާއި، ޗުއިންގަމާއި، މިފަދަ ހަކުރު ގިނައިން ހިމެނޭ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާއިރު މޭވާ އާއި ތަރުކާރީ އަދި ފުށުން ތައްޔާރުކޮށްފައިވާ ތަކެތި ފިޔަވާ އެހެން ހުރިހާ ބާވަތެއްގެ ލުއި ކާނާއިން ޑިއުޓީ ނަގަން ވަނީ ނިންމާފައެވެ.

ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ.