ޚަބަރު

އދ.މެންބަރު 193 ޤައުމުގެ ތެރެއިން 172 ޤައުމަކާއެކު ޚާރިޖީ ގުޅުން ބަދަހިކުރެވިއްޖެ - މިނިސްޓަރ ޝާހިދު


އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 172 ޤައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކުރައްވާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވި މިބައްދަލުވުމުގައި ވާހަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ޝަހިދު ވިދާޅުވީ މިނިވަން ދުވަސް މިއަހަރު މިފާހަގަކުރަނީ ކޯވިޑް-19ގެ ބަލިމަޑުގެ ދުވަސްވަރެއްގައިކަމަށާ، މިބަލިމަޑުގެ ސަބަބުން ރާއްޖެއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު 110 ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޤައުމަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. މިނިސްޓަރ ޝަހިދު ވިދާޅުވީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންވެސް ރާއްޖެއަށް ކުރިމަތިވީ މިފަދަ ޙާލަތެއްކަމަށާ، މިފަދަ ކަންކަމަމުން އަރައިގަނެވޭނީ ޤައުމުތަކުގެ އެހީތެރިކަމާއެކުކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި 1965ވަނަ އަހަރުގެ ޖުލައި 26ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި އދ.ގެ މެންބަރު ޤައުމަކަށް ވުމަށް ކުރައްވާފައިވާ މަސައްކަތްފުޅުތައް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ އެދަނޑިވަޅުގައި އދ.ގެ މެންބަރު ޤައުމަކަށްވީ އެންމެ ކުޑަ، އާބާދީ އެންމެ މަދު ޤައުމުކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އދ.ގެ މެންބަރު 193 ޤައުމުގެ ތެރެއިން 172 ޤައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ބަދަހިކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ކެނޑިނޭޅި ޤައުމުތަކުން ވަމުން އަންނަ އެހީތެރިކަން ފޯރުކޯށްދެމުން އަންނަ ހުރިހާ އެކުވެރި ޤައުމުތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ޜާއްޖޭގެ ތަރައްޤީގައި ތި ހުރިހާ ޤައުމުތަކަކީވެސް މުހިންމު ބައިވެރިންތަކެއް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚަރިޖީ ސިޔާސަތުގައި އެއްވެސް ޤައުމަކާއެކު އޮންނަ ގުޅުން ހިނާރުވިޔަ ނުދިނުމަށް ކެނޑިނޭޅި އަޅުގަނޑުމެން މިއަންނަނީ މަސައްކަތްކުރަމުން."

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާޗުއަލް ޑިޕްލޮމެޓިކް ރިސެޕްޝަންގައި ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިތިއްބަވާ ސަފީރުންނާއި މަންދޫބުން ހިމެނިވަޑައިގަންނަވާހެން 107 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.