ވިޔަފާރި

ވިޔަފާރިތަކާ ރައްޓެހިތަނަކަށް ކަސްޓަމްސް ވާންޖެހޭ - ރައީސް ޔާމިން


އިޤްތިޞާދީގޮތުން ޤައުމު ތަރައްޤީކުރުމުގައި އެންމެ އާދައިގެ ވިޔަފާރިތަކުން ފެށިގެންގޮސް ބޮޑެތި މަޝްރޫޢުތަކަށްވެސް މަގުފަހިވާގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތަކީ ޒަމާނުއްސުރެއް ވިޔަފާރިތަކަށް ދަތި އުދަނގޫ ކުރިމަތިކުރުވާ މުއައްސަސާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ދެކެމުންދާ ކަމަށާއި، ރާއްޖޭގައިވެސް ފަހަކާއި ޖެހެންދެން އެކަންއޮތީ އެގޮތަށްކަމަށެވެ. އެހެންނަމަވެސް ވިޔަފާރިތަކަށް ފުރުސަތުދީ، އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް މުއައްސަސާއަކީ ކަސްޓަމްސްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމިން ވިދާޅުވީ، ރާއްޖޭގައި ޓެކްސްގެ ނިޒާމް ތަޢާރަފުވުމާއި ހަމައަށްވެސް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ އެއް މުއައްސަސާއަކީ ކަސްޓަމްސްކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ޒަމާނީ ވަސީލަތްތަކާއެކު ކަސްޓަމްސްގެ ޚިދުމަތަކީ ވިޔަފާރިވެރިންނާއި ރައްޓެހިތަނެއްގެ ގޮތުގައި ހެދުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ކަސްޓަމްސްގެ މުއައްސަސާއަކީ އެޤައުމެއްގެ މޫނު ބަލާ ލޯގަނޑުކަން އިޝާރާތްކުރައްވަމުން ރައީސް ޔާމިންވަނީ، ރާއްޖެއަށް ކަނޑުމަގުންނާއި ވައިގެ މަގުން އެތެރެވާ މުދަލާއި، ބޭރުވާ މުދަލާއި ގުޅޭގޮތުން ކަސްޓަމްސްގެ މުވައްޒަފުން އަބަދުވެސް ހޭލާ، އެކަމަށް ސަމާލުކަންދީގެ ތިބުމަށްވެސް ގޮވާލައްވާފައެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢައްބާސް އާދިލް ރިޟާ ވިދާޅުވީ، ފާއިތުވި ދިގު މާޒީގައި ކަސްޓަމްސްގެ މުއައްސަސާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް 2011 ވަނަ އަހަރުގެ ކަސްޓަމްސްގެ ޤާނޫނު ވުޖޫދަށް އައުމާއެކު، އެ މުއައްސަސާގެ މަސައްކަތްތައް ހަރުދަނާކޮށް، ފުޅާކުރުމަށް އިތުރު ބާރެއް ލިބިގެންދިޔަކަމަށް ޢައްބާސް ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ އިޤްތިޞާދީ ވަޢުދުތައް ފުއްދުމަށްޓަކައި، ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ވިޔަފާރިވެރިންނަށް ވިހާވެސް ފަސޭހަކަމާއެކު މުދާ ކްލިޔަރ ކުރެވޭނެ އިންތިޒާމް އޮންލައިންކޮށް މިހާރު ހަމަޖެހިފައިވާކަމަށްވެސް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމަސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޔާމިން ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގޭ މަޝްރޫޢުވެސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ކަސްޓަމްސް ޖާނަލްގެ އަހަރީ ޢަދަދުވެސް އެމަނިކުފާނު ވަނީ މި ޖަލްސާގައި ނެރެދެއްވާފައެވެ."ބަންޑާރަ ފިހާރައިގެ" ނަމުގައި 1890ގެ އަހަރުތަކުގައި ފެށިގެން އައި ކަސްޓަމްސްގެ ޚިދުމަތް މިހާރުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާވެފައެވެ. އެގޮތުން މާލެއާއި ހުޅުލޭގެ އިތުރުން ރާއްޖޭގެ ނުވަ ސަރަހައްދެއްގެ އެއަރޕޯޓް އަދި ޕޯޓްތަކުގައި ކަސްޓަމްސްގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.