ވިޔަފާރި

ސޮސެޖާއި އެފަދަ ބާވަތްތަކުން 15 އިންސައްތައިގެ ޑިއުޓީއެއް


އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ސޮސެޖުގެ ބާވަތްތަކުން 15 އިންސައްތައިގެ ޑިއުޓީއެއް ނަގަން ފަށާނެއެވެ. މީގެކުރިން ސޮސެޖުގެ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނުނަގައެވެ. މިއީ އެންމެފަހުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ނަގާ ޑިއުޓީއެކެވެ.

ސޮސެޖުން ޑިއުޓީއެއް ނެގުމަށް ނިންމާފައިވަނީ ސިއްޙަތަށް ގެއްލުންދޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާ އުސޫލުގެ ދަށުންނެވެ. މިގޮތުން މެޓާއާއި، ޗުއިންގަމާއި، މިފަދަ ހަކުރު ގިނައިން ހިމެނޭ ބާވަތްތަކުން ނަގާ ޑިއުޓީ 5 އިންސައްތައިން 15 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި މޭވާ އާއި ތަރުކާރީ އަދި ފުށުން ތައްޔާރުކޮށްފައިވާ ތަކެތި ފިޔަވާ އެހެން ހުރިހާ ބާވަތެއްގެ ލުއި ކާނާއިން 5 އިންސައްތައިގެ ޑިއުޓީއެއް ނަގާނެއެވެ. ކުރިން މިފަދަ ބާވަތްތަކުން ޑިއުޓީއެއް ނުނަގައެވެ. އަދި ގިނަ އަދަދެއްގެ ހަކުރު އެކުލެވޭ ތައްޔާރީ ބުއިންތަކުންވެސް 15 އިންސައްތަ ޑިއުޓީގެ ގޮތުގައި ނަގަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ބާވަތްތަކުންވެސް މީގެ ކުރިން ޑިއުޓީއެއް ނުނަގައެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނަން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި އެނަޖީ ޑްރިންކްސް އާއި ބަނގުރަލާއި އޫރުމަހުގެ ބާވަތްތަކަށް ޑިއުޓީގެ ލުއި ނުދިނުން ހިމެނެއެވެ. އަދި އެނާޖީ ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން އެނަރޖީ ޑްރިންކްސްތަކުން ލީޓަރަކުން 60.55 ރުފިޔާ ޑިއުޓީގެ ގޮތުގައި ނެގުމަށް ނިންމާފައިވާއިރު، ސޮޕްޓް ޑްރިންކްސްތަކުން ލީޓަރަކުން 8 ރުފިޔާ ޑިއުޓީގެ ގޮތުގައި ނަގާނެއެވެ.

ދުންފަތުން ނަގާ ޑިއުޓީވެސް ބޮޑުކުރާއިރު، ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން 3 އިންސައްތަ ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުރަންޖެހޭ ގޮތަށް ވެސް ޤާނޫނު އިސްލާހުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ، އޭގެ އެފް.އޯ.ބީ އަގުގެ ފަންސާސް އިންސައްތައެވެ. އަދި ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފް.އޯ.ބީ އަގުގެ ފަހެއް އިންސައްތަ ރޯޔަލްޓީއެއް ދައްކަންވާނެކަމަށްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު މި ޤާނޫނުގެ ދަށުން މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެން ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީން ފަންސާސް އިންސައްތަ މަޢާފުކުރެވޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާ އަކުން އެއް ރުފިޔާގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ.

މި ޤާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްކަމަށްވެސް ވަނީ ކަނޑައަޅާފައިވެއެވެ.