ދުނިޔޭގެ ވިޔަފާރި

ޓިކްޓޮކްއިން 200 މިލިއަން ޑޮލަރުގެ ފަންޑެއް


ޓިކްޓޮކްއަށް އެކި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެހީވުމަށް 200 މިލިއަން ޑޮލަރުގެ ފަންޑެއް ޤާއިމްކުރުމަށް ޓިކްޓޮކްއިން މަސައްކަތް ފަށައިފިއެވެ.

ޓިކްޓޮކްއިން ބުނީ މިފަންޑުގެ ބޭނުމަކީ މިހާރު ޓިކްޓޮކްއަށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެހީތެރިވުމާއެކު، އިތުރު މީހުން ޓިކްޓޮކް ބޭނުންކުރުމަށް ބާރު އެޅުންކަމަށެވެ. އަދި މިއަހަރު ފަހުކޮޅުން ފެށިގެން މިފަންޑުން ފައިސާ ފޯރުކޮށްދެމުން ދާނޭކަމަށް ޓިކްޓޮކްއިން ބުނެއެވެ. ޓިކްޓޮކް ބޭނުންކޮށްގެން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މިހާރު އާމްދަނީ ލިބެނީ ލައިވް ސްޓްރީމްކޮށްގެން އަދި ބްރޭންޑްތައް އިޝްތިހާރުކޮށްގެން ލިބޭ ފައިސާއިންނެވެ.

ޓިކްޓޮކްއިން ބުނާގޮތުން އަލަށް ޤާއިމްކުރާ ފަންޑުން ފައިސާ ދޫކުރާނީ ޓިކްޓޮކްއަށް ކޮންޓެންޓް އުފައްދާ ފަރާތްތަކުގެ ތެރެއިން އެމެރިކާގައި އުޅޭ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް އެކަންޏެވެ. ޓިކްޓޮކްއިން ބުނާގޮތުން 200 މިލިއަން ޑޮލަރުގެ ފަންޑަކީ ފެށުމެއްކަމަށާއި ކުރިއަށް އޮތްތާނގައި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެހީތެރިވުމަށް އިތުރު ގޮތްތައް ފަހިކޮށްދޭނެކަމަށެވެ.

ގިނަ ބައެއްގެ މެދުގައި ޓިކްޓޮކްއަކީ މަޤްބޫލު އެޕްލިކޭޝަނެއް ނަމަވެސް، ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ޓިކްޓޮކްއަށްވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޗައިނާއާ އޮންނަ ގުޅުމުގެ ސަބަބުން އިންޑިއާއާއިން ވަނީ ޓިކްޓޮކް ބޭނުންކުރުން އެޤައުމުގައި މަނާކޮށްފައެވެ. އަދި އެމެރިކާއިންވެސް އެޕްލިކޭޝަނާ މެދު ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެމެރިކާ ރުއްސުމަށް ޓިކްޓޮކްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ސީއީއޯގެ މަޤާމަށް އެމެރިކާ ރައްޔިތަކު ހަމަޖައްސާފައިވާއިރު، އެމެރިކާގައި އިތުރު 10 ހާސް ވަޒީފާ އުފެއްދުމަށްވެސް ޓިކްޓޮކްއިން ވަނީ ނިންމާފައެވެ.