ވިޔަފާރި

އެމްއޭސީއެލްގެ ހިންގެވުމާ އެންޑްރޫ ސްޓީވާޓް ޙަވާލުވެ، މަސައްކަތް ފަށްޓަވައިފި


އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކޮށްފައިވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެމަޤާމުގެ މަސްއޫލިޔަތާ ޙަވާލުވެ، މަސައްކަތް ފަށްޓަވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އައު ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރކަމަށް އައްޔަންކޮށްފައިވާ ގޯޑަން އެންޑްރޫ ސްޓީވާޓް އަކީ އިނގިރޭސިވިލާތުގެ ބޭފުޅެކެވެ.

ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާއާއި އޭޝިއާއާއި އުތުރު އެމެރިކާގެ އެކި ޤައުމުތަކުގައި ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެތެރެއިން 20 އަހަރު އެނާ މަސައްކަތްކޮށްފައި ވަނީ އެގްޒެކެޓިވް އަދި ބޯޑު ލެވަލްގެ މަޤާމުތަކުގައެވެ.

އެމްއޭސީއެލްއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައި މިވަނީ އެމަޤާމު ހުސްކޮށް އޮންނަތާ ދެއަހަރު ފަހުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރެއް ހަމަޖެއްސިއިރު މިހާތަނަށް ވަގުތީ ގޮތުން މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރަމުންދިޔައީ މޫސާ ސޯލިހުއެވެ. 2015 ވަނަ އަހަރު ޖެނުއަރީމަހު އެއަރޕޯޓުގެ އެމްޑީކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވިފަހުން އެއަރޕޯޓް ހިންގެވުމާ ހަވާލު ހުންނެވީ މޫސާ ސޯލިހުއެވެ. ނަމަވެސް 39 އަހަރު އެއަރޕޯޓަށް ޚިދުމަތް ކުރެއްވުމަށްފަހު މޫސާ ސާލިހު އިއްޔެ ވަނީ ރިޓާޔާ ކުރައްވާފައެވެ.