ޚަބަރު

ދިވެހިބަހުގެ އެކެޑަމީގެ ފޯރަމް: "ކުޑަކުޑަ ދިވެހިރާއްޖެ މިނިވަން ވީއެވެ."


އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނުގޮތްތަކާއި ރާއްޖޭގެ މިނިވަންކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިންކޮށް ފޯރަމެއް ބާއްވައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން "ކުޑަކުޑަ ދިވެހިރާއްޖެ މިނިވަން ވީއެވެ." މި މަޢުޟޫޢުގެ ދަށުން ކުރިއަށް ގެންދިޔަ ފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނެވެ.

މި ފޯރަމުގެ ޕެނަލިސްޓުންގެ ގޮތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ދިވެހިބަހުގެ އުސްތާޛު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤާއި މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ނަސީމާ މުޙައްމަދު ކަލޭފާނާއި، އެމްއެންޑީއެފްގެ ކޮމާންޑް ސާޖެންޓް މޭޖަރ ޢަބްދުﷲ ސަޢީދާއި އެމްއެންޔޫގެ ލެކްޗަރަރ މުޙައްމަދު ދީދީއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މިފޯރަމްގައި މިނިވަންކަމާގުޅޭ މަޢުލޫމަތުތައް ޙިއްސާކުރައްވާފައިވަނީ ރާއްޖޭގެ ތާރިޚު ދިރާސާކުރައްވާ ބޭފުޅުންނާއި ދިވެހިބަހަށް ޚިދުމަތް ކުރައްވާ ބޭފުޅުންނެވެ. މިބޭފުޅުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ވަނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެން އައިގޮތްތަކާއި އެއަށްފަހު ހިނގައިދިޔަ ކަންކަން ވަރަށް ތަފްސީލްކޮށް ކިޔާދެއްވާފެއެވެ.

މީގެއިތުރުން އިނގިރޭސީންގެ ޙިމާޔާތުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމާއި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމަށްކަށް ހެދުމަށްޓަކައި އޭރުގެ ބޮޑުވަޒިރު އިބްރާހީމް ނާޞިރު ކުރެއްވި ބުރަ މަސައްކަތްޕުޅާއި އެމަނިކުފާނުގެ ހިތްވަރުފުޅާ ބެހޭގޮތުން އެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ފޯރަމް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހިންނަށް މިނިވަންކަން ލިބިފައިވަނީ ދިވެހިން އަމިއްލައަށް ކުރި ބުރަ މަސައްކަތުންކަމަށެވެ. އަދި މިހާރުވެސް މިމިނިވަންކަން ދެމެހެއްޓުމަށް ކޮންމެ ދިވި ދަރިއަކުވެސް މަސައްކަތްކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ މިނިވަންކަން ފާހަގަކުރައްވަމުންދާއިރު ދިވެހިންނަށް ލިބިފައިވާ އަމިއްލަ ޘަޤާފަތާއި އާދަކާދަ ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި އިބްރާހިމް ނާސިރު ވަނީ އަމަލީގޮތުން ބައިވެރިވެ އެކަން ވަރަށް ރަނގަޅަށް ދައްކުވައިދެއްވާފައިވާކަމަށެވެ. އަދި އެބޭފުޅުން ވަނީ ޤައުމަށް މިނިވަންކަން ލިބުމުން އިހްސާސްކުރެވުނުކަންތައްތައްވެސް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަކީ ކުޑަ ޤައުމަކަށް ވެފައި ރާއްޖޭގެ މިނިވަންކަން ބަލައިގަތުމަށް އދ.އަށް ހުށަހެޅުމުން ކަންކަން ވެގެންދިޔަ ގޮތްވެސް ވަރަށް ތަފްސީލް ގޮތެއްގައި ވަނީ ހިއްސާކުރައްވަފައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.