ޚަބަރު

މެލޭޝިޔާގެ ސަރުކާރަށް ފާޑުކިއުމުން ބިދޭސީ މަސައްކަތްތެރިއަކު ހައްޔަރުކޮށްފި


މެލޭޝިޔާގެ ސަރުކާރަށް ފާޑުކިއުމުން ބިދޭސީ މަސައްކަތްތެރިއަކު ހައްޔަރުކޮށްފިއެވެ.

އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓަރީއެއްގައި ބަންގްލަދޭޝަށް ނިޞްބަތްވާ އުމުރުން 25 އަހަރުގެ ރައިހާނު ކަބީރުވަނީ މެލޭޝިޔާގައި ވަގަށް އުޅޭ ބިދޭސީ މަސައްކަތްތެރިން އެ ޤައުމުން ހައްޔަރުކޮށް ޖަލަށްލާކަމަށް ބުނެފައެވެ. ޖުލައި މަހުގެ 3ވަނަ ދުވަހު އަލްޖަޒީރާއިން ލޮކްޑު އަޕް އިން މެލޭޝިޔާސް ލޮކްޑައުންގެ ނަމުގައި ދެއްކި ޑޮކިއުމަންޓަރީގައި ހިމަނާފައިވާ މަޢުލޫމާތުތައް މެލޭޝިޔާގެ ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ. އެ މައްސަލަ ތަހުޤީޤުކުރަން ފަށާފައިވަނީ އެ ޑޮކިއުމަންޓަރީގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ބުނެ ގިނަ ޢަދަދެއްގެ ރަސްމީ ފަރާތްތަކާއި ނޫސްތަކުން ކަންބޮޑުވުން ފައުޅުކުރުމުންނެވެ.

ޓީވީން އެ ޑޮކިއުމެންޓަރީ ދެއްކުމުން ރައިހާނު ކަބީރު ހައްޔަރުކުރުމުގެ ޢަމުރެއްވަނީ ނެރެފައެވެ. އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ. މެލޭޝިޔާގެ އިމިގްރޭޝަނުން ބުނީ އޭނާ އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށާއި އުމުރު ދުވަހަށް މެލޭޝިޔާއަށް އަނބުރާ އައުން މަނާވާނެކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ސަބަބެއް ނުވަތަ އޭނާ ކުރި ކުށެއް އެ އިދާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.

އޭނާ ހައްޔަރުކުރުމުގެ ކުރިން ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ ޑެއިލީ ސްޓަރއާ ވާހަކަދައްކަމުން ރައިހާނު ކަބީރު ބުނީ އޭނާ އެއްވެސް ކުށެއް ކޮށްފައިނުވާނެކަމަށާއި ދޮގު މަޢުލޫމާތު ދީފައިނުވާނެކަމަށެވެ. އަދި އޭނާ ވާހަކަދައްކާފައިވާނީ ހިޖުރަވެންނާމެދު މެލޭޝިޔާއިން ގެންގުޅޭ ތަފާތުކުރުންތަކާ ގުޅޭގޮތުންކަމަށް އޭނާވަނީ ބުނެފައެވެ.

މެލޭޝިޔާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އެ ޤައުމަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންވެސް ހިމެނޭކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މެލޭޝިޔާ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރުގައެވެ. މެލޭޝިޔާގެ ސަރުކާރުން ބުނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހިޖުރަވެރިން ހައްޔަރުކުރުމަކީ ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއްކަމަށެވެ.

ބަންގުލަދޭޝްގެ 21 މަދަނީ ޖަމުޢިއްޔާއަކުންވަނީ ކަބީރު ދޫކޮށްލުމަށް މެލޭޝިޔާއަށް ގޮވާލައިފައެވެ. އެ ޖަމުއިއްޔާތަކުން ބުނީ ނޫހަކަށް މަޢުލޫމާތު ދިނުމަކީ ކުށެއް ނޫންކަމަށާއި އޭނާ އެއްވެސް ކުށެއްކޮށްފައި ނުވާކަމަށެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ނެރެނު ބަޔާނެއްގައި ބުނީ މެލޭޝިޔާއިން އެގޮތަށް ޢަމަލުކުރީ އެ ޤައުމުގައި ދިރިއުޅޭ ހުރިހާ ހިޖުރަވެރިންނަށް އިންޒާރެއް ދިނުމަށެވެ. މެލޭޝިޔާގައި ތިބެން ބޭނުންވާނަމަ ކޮންމެ ގޮތަކަށް އެ މީހުންނާމެދު ޢަމަލުކުރިނަމަވެސް ހަނުހުރުން ނޫންގޮތެއް ނެތްކަން އެކަމުން ދޭހަކޮށްދޭކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

މެލޭޝިޔާއަށް ހިޖުރަކުރާ މީހުން އެ ޤައުމުން ރަސްމީކޮށް ބަލައެއް ނުގަނެއެވެ. ޢާންމުންގެ ގިނަ ބަޔަކު ދެކޭގޮތުގައި އެ މީހުންގެ ސަބަބުން މެލޭޝިޔާގައި ކޯވިޑް-19 ފެތުރުމުގެ އިތުރުން ސަރުކާރުން އުފުލަން ޖެހޭ ބުރަ ބޮޑެވެ.