ޚަބަރު

ސްޕެއިނަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އިލްތިމާޞްކޮށްފި


ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ސްޕެއިނަށް ނުކުރުމަށް އިނގިރޭސިވިލާތުން އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާޞްކޮށްފިއެވެ.

ސްޕެއިނަކީ ދަތުރުކުރުން ރައްކާތެރި ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތުންވަނީ މީގެ ކުރިން ކަނޑައަޅައިފައެވެ. ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން 14 ދުވަހުގެ މުއްދަތަށް އެކަހެރިވާކަށް ނުޖެހެއެވެ. ނަމަވެސް ފަހުންވަނީ އެ ޤައުމުތަކުގެ ތެރެއިން ސްޕެއިން އުނިކޮށް، އެ ޤައުމުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ދެ ހަފުތާއަށް އެކަހެރިވާން ޖެހޭގޮތަށް ނިންމައިފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ ސްޕެއިނަށް ދަތުރުކުރުމާ ދެކޮޅަށް އިރުޝާދު ދިންނަމަވެސް އޭގެ ތެރޭގައި ސްޕެއިނުގެ ކެނެރީ އައިލެންޑްސާއި ބެލިއަރިކު އައިލެންޑްސް ނުހިމެނޭނެކަމަށެވެ. ސްޕެއިނުގެ އެހެން ސަރަޙައްދުތަކަށްވުރެ އެ ރަށްރަށުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކަމަށް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް އެ ސަރަޙައްދުތަކަށް ދަތުރުކުރާ މީހުންވެސް އަނބުރާ ޤައުމަށް އައުމަށްފަހު އެކަހެރިވާން ޖެހޭނެއެވެ. ސްޕެއިނުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެ ޤައުމުގެ ޞިއްޙީ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް އަނބުރާ ޤައުމަށް އައުމަށްފަހު އަމިއްލައަށް އެކަހެރިވުމަށް ޚާރިޖީ ވުޒާރާއިންވަނީ އިރުޝާދު ދީފައެވެ.

އިނގިރޭސިވިލާތުގެ ނިންމުމާ ގުޅޭގޮތުން ސްޕެއިނުގެ ސަރުކާރުންވަނީ އެ ޤައުމުގެ ޙާލަތު ރަނގަޅުކަމަށާއި އެ ޤައުމުގައި ބަލި ފެތުރެނީ ވަކި ސަރަޙައްދުތަކެއްގައިކަމަށް ބުނެފައެވެ. ސްޕެއިނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ނިންމުމަށް އިޚުތިރާމުކުރާކަމަށާއި އިނގިރޭސިވިލާތުގެ އިދާރާތަކާ މަޝްވަރާކުރަމުންދާކަމަށެވެ.

މި ހަފުތާގެ ތެރޭގައި ނޯވޭއިންވަނީ ސްޕެއިނުން އެ ޤައުމަށް ދަތުރުކުރާ މީހުން 10 ދުވަހުގެ މުއްދަތަށް އެކަހެރިކުރަން ނިންމައިފައެވެ. ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ސްޕެއިނުގެ ކެތަލޯނިޔާއަށް ދަތުރުނުކުރުމަށް ފަރަންސޭސިވިލާތުންވެސްވަނީ އިލްތިމާޞްކޮށްފައެވެ.