ކުޅިވަރު

އަޝްފާޤް ޓީމާއި ގުޅޭނީ ހަފްތާއެއްހާ ދުވަސްފަހުން - ބައްސާމް


ވޯލްޑްކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ޕިލިޕީންސްއަށް
ދިޔަ ޤައުމީ ޓީމާއި، ކެޕްޓަން އަލީ އަޝްފާގް ގުޅޭނީ ހަފްތާއެއް ފަހުންކަމަށް
އެފްއޭއެމްއިން ބުނެފިއެވެ.

 މިއަންނަ މަހުގެ އަށް ވަނަ ދުވަހު ވޯލްޑްކަޕް
ކޮލިފައިންގައި ޗައިނާއާ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމް މިހާރުވަނީ ޕިލިޕީންސްއަށްގޮސް އެގައުމުގައި ކޭމްޕްކޮށްފައެވެ.
މިކޭމްޕްގައި އެގައުމުގައި އެކުވެރިކަމުގެ ދެ މެޗް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޤައުމީ ކެޕްޓަން
އަލީ އަޝްފާގް މިހާރު މާލެ އައިސްފައިވާކަމަށާއި، ނަމަވެސް ޓީމާއެއްކޮށް އަޝްފާގް
ނުދިޔައީ އޭނާއަށް ރެސްޓް ބޭނުންވާތީކަމަށެވެ. މެލޭޝިޔާގެ ޕީޑީއާރްއެމްއަށް ކުޅެމުން
އަންނަ އަޝްފާގު ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ މެޗްތަކެއް
އޭނާ ކުޅެމުންއަންނަ ޕީޑީއާރްއެމްއާއެކު ކުޅެފައެވެ. އެހެންކަމުން މިވަގުތު އަޝްފާގު ހުރީ
ވަރަށް ވަރުބަލިކޮށް ކަމަށާ އޭނާއަށް ރެސްޓް ބޭނުންވާކަމަށް ހުދު
އެފްއޭއެމްއިންވެސް ޤަބޫލްކުރާކަމަށް ބައްސާމް ވިދާޅުވިއެވެ. ކުޑަ ދުވަސްކޮޅެއްގެ
ތެރޭގައި ގިނަ މެޗްތަކެއް ކުޅެފަ، އެއްވެސް
ރެސްޓެއް ނެގުމެއް ނެތި ޤައުމީ ޓީމާއެކު ކޭމްޕްގައި އަޝްފާގު ބައިވެރިވެއްޖެނަމަ،
އިތުރަށް ވަރުބަލިވުމާއި، އަނިޔާގެ މައްސަލަތައްވެސް ކުރިމަތިވެދާނެތީ، އެކަމަށް
އެފްއޭއެމްއިން އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަމަށްވެސް ބައްސާމް
ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ މިއަންނަ މަހުގެ ތިންވަނަ ދުވަހު ޕިލިޕީންސްގެ ޤައުމީ
ފުޓްބޯޅަ ޓީމާއެކު ކުޅުމަށް ހަމަޖެހިފައިވާ ރަޙްމަތްތެރިކަމުގެ މެޗްގެ ކުރިން
ކެޕްޓަން އަލީ އަޝްފާގް ޓީމާ ގުޅޭނެކަމަށާއި އަދި އެމެޗްގައި އޭނާ ކުޅޭނެކަމަށެވެ.