އުތުރު ކޮރެޔާގެ ކެއިސޮންގުން ކޯވިޑް-19ގެ ޢަލާމާތްތައް ހުރި މީހަކު ފެނުމުން އެ ސިޓީ ފުރަބަންދުކޮށް އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފިއެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން އެހެން ޤައުމުތަކާ އެކަހެރިކޮށް އޮންނަ އުތުރު ކޮރެޔާގެ ސަރަޙައްދީ ރޮނގުތައްވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ބަންދުކޮށްފައެވެ. އެ ޤައުމުގައި މިހާތަނަށް އެއްވެސް މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް ބުނެފައެއް ނުވެއެވެ.
ޖުލައި މަހުގެ 19ވަނަ ދުވަހު ޤަވައިދާ ޚިލާފަށް އަވަށްޓެރި ދެކުނު ކޮރެޔާއިން މީހަކު އެތެރެވެފައިވާކަމަށް އުތުރު ކޮރެޔާގެ ޤައުމީ ނޫސް އިދާރާއިންވަނީ ބުނެފައެވެ. އެ މީހާ މީގެ ތިން އަހަރު ކުރިން އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކުރިކަމަށާއި އޭނާ އެނބުރި ޤައުމަށް އައިސްފައިވަނީ ޤަވައިދާ ޚިލާފަށް ސަރަޙައްދީ ރޮނގު ހުރަސްކޮށްގެންކަމަށް އުތުރު ކޮރެޔާގެ ރަސްމީ ނޫސް އިދާރާއިންވަނީ ބުނެފައެވެ. އަދި އޭނާގެ ފަރާތުން ކޯވިޑް-19ގެ ޢަލާމާތްތަކެއް ފެނިގެން މިހާރު ހުރީ އެކަހެރިކޮށްފައިވާކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ. އުތުރު ކޮރެޔާގެ ސަރުކާރުން ދަނީ އެ މީހާއާ ބައްދަލުވި މީހުން ހޯދައި ފާއިތުވި 5 ދުވަހުގެ ތެރޭގައި ކެއިސޮންގަށް ދަތުރުކޮށްފައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިންވެސް އުތުރު ކޮރެޔާގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާކަމަށްވަނީ ބެލެވިފައެވެ، ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެޔާއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުކަން އިޢުލާނުކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ގޯސްވެ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަރާތުން އެހީތެރިކަން ހޯދުމަށް މަޖުބޫރުވެފައިވާކަމުގެ ނިޝާނެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އުތުރު ކޮރެޔާއާ ޚިލާފަށް ދެކުނު ކޮރެޔާގައި އަދިވެސް ދަނީ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންނެވެ. އެ ޤައުމުގައި 14،150 މީހުންނަށް ކޯވިޑް-19 ޖެހި، 298 މީހުންވަނީ މަރުވެފައެވެ.