ވިޔަފާރި

"ދަނޑުވެރި ނަފާ" ލޯނު މިހާތަނަށް 25 ފަރާތަކަށް ދޫކޮށްފި


"ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 25 ފަރާތަކަށް ލޯން ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރިސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަަކަދައްކަވަމުން މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީގޮތުން އެހީތެރިވުމަށް ގިނަ މަސައްކަތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ.

އެގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި އެސްއެމްއީ ބޭންކުން މިދިޔަ އަހަރުތެރޭ ތަޢާރަފްކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަދައްކަވާފައެވެ. މިނިސްޓަރ ޒަހާ ވިދާޅުވީ މި ލޯން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 25 ފަރާތަކަށް 7 މިލިއަން 3 ލައްކަ ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށެވެ.

" މިފަދަ ލޯން ޕްރޮގްރާމެއް ފެށުމުގެ މަޤްސަދަކީ ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރަޙުމަތްތެރި، ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުން، އަދި މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުން" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަން ދެނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރުޢުތައް ހިންގުމަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

6 އިންސައްތަ އިންޓްރެސްޓާއެކު ދޫކުރާ މި ލޯން ސްކީމްގައި އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނުގެ ގޮތުގައި 75 ހާސް ރުފިޔާ ނަގާ ފަރާތްތަކަށް ފައިސާ ދެއްކުމަށް 3 އަހަރުގެ މުއްދަތަކާއި ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު 75 ހާސް ރުފިޔާއާއި 500000 ރުފިޔާއާއި ދެމެދުގެ ލޯން ނަގާ ފަރާތްތަކަށް ހަމަހުގެ ގްރޭސް ޕީރިއަޑަކާއެކު ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެވެ. އަދި 500،000 ރުފިޔާއަށް ވުރެ މަތިން ލޯން ނަގާ ފަރާތްތަކަށް އެއް އަހަރުގެ ގްރޭސް ޕީރިއެޑަކާއިއެކު ފައިސާ ދައްކާ ޚަލާސްކުރުމަށް 7 އަހަރުގެ މުއްދަތެއް ދެއެވެ.