ޚަބަރު

އިންޑިޔާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަކަމާއިއެކު: ރައީސް ނަޝީދު


ދިވެހިންގެ މިނިވަންކަން އެންމެބޮޑަށް ގުޅިފައި ވަނީ އިންޑިއާ ކަނޑާއިކަމަށާއި، މިކަނޑުގައި ދިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަކަމާއިއެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ފޮނުއްވެވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުން ފާހަގަކުރާ މިނިވަންކަމަކީ އިގިރޭސީންގެ އަޅުވެތިކަމުން މިޤައުމު މިނިވަންވުމުގެ އުފާކަމަށެވެ. ދިވެހިން މިއަދު މިދެކޭ މިނިވަންކަން އެންމެބޮޑަށް ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށްކަމަށް އިޝާރާތްކޮށް ރައީސް ނަޝީދު ވަނީ މިކަނޑުގެ މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި ސިފައިން ވަމުންދާ ގުރުބާނީއަށް ތައުރީފް ކުރައްވާފައެވެ.

"ޒަމާނުއްސުރެއް ދިވެހިން އައީ އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަމުން. ދަތުރުކުރަމުން. ވިޔަފާރި ކުރަމުން. ދިރިއުޅެމުން. މިކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންގެ ސިފައިން، މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގެ މިނިވަންކަން ކުޑަ މިނިްވަރަކަށްވެސް ދޫކުރާކަށެއްނޫން. އިރާދަކުރެއްވިއްޔަ އިންޑިޔާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަކަމާއިއެކުގައި" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، 1800 އަހަރު ތަކުގައި އިންޑިޔާ ކަނޑުގެ އާރާއި ބާރަކީ އިގިރޭސީންގް އަތް ދަށުގައި އޮތް އެއްޗަކަށް ވީނަމަވެސް މިއަދު އެކަން ބަދަލުވެ މިސަރަހައްދުގެ ގައުމުތަކަށް މިނިވަންކަމާއިއެކު ވިޔަފާރިކުރުމާއި، ދަތުރުފަތުރު ކުރުމަށް ހުޅުވާލެވިފައިވާކަމަށެވެ. މިއީ މިނިވަކަންކަމުގެ އުފާ އެންމެބޮޑަށް ލިބިގެންދާ އެއްސަބަބުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އިންޑިޔާ ކަނޑު އަށާރަސަތޭކައިގައި އޮތީ އިނގިރޭސީންގެ ކަނޑެއްގެ ގޮތުގައި. އިގިރޭސި ރޯޔަލްނޭވީ އަދަނުއްސުރެއް ސިންގަޕޫރައި ދެމެދުގައި ހުރި ހުރިހާ އެކިއެކި މިލިޓަރީ ބޭސްތައް މަސައްކަތް ކުރަމުން ގެންދިޔައީ އިނގިރޭސީންގެ އާރާއި ބާރު އިންޑިޔާ ކަނޑުގައި ދެމެހެއްޓުމަށް. ދިވެހިންނަކީ 1000 މޭލު ބޮޑުމިނުގައި އިންޑީޔާ ކަނޑުގައި ފެތުރިފައި ތިބިބައެއް. އުތުރުން ދެކުނަށް. ހުޅަނގުން އިރަށް 600 މޭލު. އަޅުގަނޑުމެންގެ ސިޔާސީ، އިޤްތިޞާދީ ސަރަހައްދަކީ ސައުދީ އަރަބިއްޔާއަށްވުރެ ބޮޑު ސަރައްހައްދެއް" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސުންނާއި، ދައުލަތުގެ އިސްވެރިންނާއި، ސަރުކާރުގެ އެކި އިދާރާތަކުން ދަނީ ދިވެހި ރައްޔިތުންނަށް އަރިސްކުރަމުންނެވެ. މިއަދު ރާއްޖޭގައި ފާހަގަކުރަމުން ދަނީ މިނިވަންކަމަށް 55 އަހަރުފުރޭ، 56 ވަނަ މިނިވަން ދުވަހެވެ.