ވިޔަފާރި

ގެސްޓްހައުސްތައް ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރުމަހު- ހެލްތު މިނިސްޓަރ


ސެޕްޓެމްބަރުމަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލެވޭ ވަރުވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ހއ.އިހަވަންދޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައެެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އޮގަސްޓުމަސްތެރޭ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި މިހާރު ބަލި ފެތުރޭ މިންވަރާއި ރާއްޖޭގެ ހާލަތަށް ބަލާއިރު ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރުމަހުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

" އޮގަސްޓުމަހުގެ 15ވަނަ ދުވަހު އަލުން ރިވިއުކުރުމަށްފަހު ގެސްޓުހައުސްތައް ހުޅުވޭނެ ތާރީޙެއް އިޢުލާން ކުރާނަން، މިހާރު ހިސާބުތަކާއި، އަތޮޅުތެރޭގައި ބަލީގެ އަލާމަތްތައް ފެންނަ މިންވަރަށް ބަލާއިރު، ލަފާކުރެވެނީ، ގެސްޓުހައުސްތައް ހުޅުވޭނީ ސެޕްޓެމްބަރުމަހުގެ ކުރީކޮޅު ކަމަށް،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. އަދި މިއާއެކު ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތަކުން ޚިދުމަތް ފެށުުމުގެ ހުއްދަ ދިން ނަމަވެސް، ގެސްޓް ހައުސްތަކުގެ ޚިދުމަތް ފެށުމަށް ހުއްދަ ނުދީވަނީ، ކޯވިޑް-19ގެ ބަލިމަޑުކަން ރަށްތަކަށް ފެތުރުމުގެ ފުރުސަތު ބޮޑުވާކަމަކަށް ވާތީއެވެ. ގެސްޓްހައުސްގެ ވިޔަފާރި ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމުން ގިނަ ފަތުރުވެރިން ދަނީ ބުކިން ހައްދަމުންނެވެ.

ލޯކަލް ޓުއަރިޒަމް ވިޔަފާރިއަކީ ރަށްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެކެވެ. ގިނަރަށްތަކުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަމުންއަންނައިރު، ގިނަ ކުދި ވިޔަފާރިތަކެއްވެސް މި ޚިދުމަތާއި ގުޅެއެވެ.