ވިޔަފާރި

ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތިއްޔާ، މިނިވަންކަމަށް އަބަދުވެސް ނުރައްކާތައް ކުރިމަތިވާނެ


ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުމުގެ މުނާސަބާގައި ޤައުމާއި މުޚާތަބް ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ހިތާބުގައި އިޤްތިސާދާ މިނިވަންކަމާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފައެެވެ. އެގޮތުން ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް-19 ގާދޫކޮލުން އެތެރެވެ، ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި ކަމަށާއި ދިވެހިންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްލައިފިކަމަށެވެ.

"ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯރޓް އެކްސްޕޯރޓަށް ބުރޫ އަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށް ފަހު، ރާއްޖޭގެ ބޯޑަރުތައް މިހާރު އަލުން ހުޅުވައިލެވިފައި ވީނަމަވެސް އިޤްތިޞާދީގޮތުން ކުރިއަށްއޮތީ ދަތި އުނދަގޫ ދުވަސްތަކެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހުކޮޅަށް ދާއިރު ފަތުރުވެރިކަން ރަނގަޅުވެ. އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު
ދުނިޔެއަށް ލިބިގެން ނޫނީ، އަޅުގަނޑުމެންގެ މި އުންމީދު ޙާޞިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލްކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެގޮތުން ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ ވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޞިނާޢަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއީ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ކަމަށާއި އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތުކަމަށެވެ. އަދި ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.