ޚަބަރު

މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލު މުޅި ރާއްޖޭގައި

މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވައިފިއެވެ.

ރާއްޖޭގެ 55 ވަނަ ފަޚުރުވެރި މިނިވަންދުވަހުގެ ދިދަނެގުމުގެ އިޙްތިފާލު މާލޭއާ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 06:00 ޖެހި އިރު ކުރިއަށްގެންގޮސްފައިވާއިރު، މާލޭގައި ބޭއްވި އިޙްތިފާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖުމްޙޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ދިދަންގަވާފައިވަނީ ޤައުމީ ދިފާޢީބާރުގެ އޮފިސަރުންނެވެ. މި އިޙްތިފާލުގެ ތެރެއިންވަނީ މިނިވަންދުވަހާ ގުޅިގެން ޚާއްސަ ދުޢާއެއްކުރެވުނެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން ދަޢުލަތުގެ ވަޒިރުން ބައިވެރިވެވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރުޤައުމުތަކުގެ ސަފިރުންނާއި ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާރަށެއްގައިވެސް މިނިވަންދުވަހުގެ ދިދަނެގުމުގެ އިޙްތިފާލު ބާއްވާފައިވަނީ އެރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާޞަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް މިނިވަން އަދި އުފާވެރި ބަޔެއްގެ ގޮތުގައި އަބަދަށް ލެއްވުންއެދި އެމަނަކިފާނުވަނީ ދުއާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންދުވަސް ފާހަގަކުރުމަށް ކުރީއްސުރެ ބާއްވަމުން އަންނަ ކުލަގަދަ ހަރަކާތްތައް ކޯވިޑް-19އާ ގުޅިގެން މިއަހަރު ނުބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރު ހަމައެކަނި ކުރިއަށްގެންދަނީ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލާއި، ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމާ މުޙާތަބުކުރެއްވުމެވެ. ރައީސް ޤަޢުމާ މުޚާތަބުކުރައްވާނީ މިއަދު 10:00ގައެވެ.