ދުނިޔޭގެ ވިޔަފާރި

ޗައިނާއާއި އެމެރިކާއިން ވިޔަފާރީގެ މަޝްވަރާ ބައްދަލުވުމެއް!


އެމެރިކާއާއި ޗައިނާއިން ޤާއިމްކުރަން މަޝްވަރާކުރަމުންދާ ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ވަރަށް އަވަހަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

އިތުބާރުހުރި މަސްދަރުތަކާ ޙަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުން ދެ ޤައުމުގެ މެދުގައި ގުޅުން ގޯސްވެފައި އޮތަސް، މިއަހަރު ކުރީކޮޅު ޗައިނާއާއި އެމެރިކާއިން ސޮއިކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ޤައުމުގެ އޮފިޝަލުން ވަރަށް އަވަހަށް ބައްދަލުކުރާނެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިއަހަރު ކުރީކޮޅު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ އެމެރިކާގެ ކުންފުނިތަކުން ގަންނަ މުދާ އިތުރުކޮށްފައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ކުރަން ދަތިވެފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުން ޗައިނާއާއި އެމެރިކާއިން ބާއްވާ ވިޔަފާރީގެ މަޝްވަރާތައް އޮންނާނީ އަންނަމަހުއެވެ. މިމަޝްވަރާތަކުގައި ޗައިނާގެ ވައިސް ޕްރިމިއަރ ލިއު ހެއި އަދި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ރޮބަޓް ލިޓްޒަރ ބައިވެރިވާނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި ދެ ބޭފުޅުންނަކީ ވިޔަފާރީގެ މަޝްވަރާތައް ދެ ޤައުމުން ކަނޑައަޅާފައިވާ އެންމެ އިސް މަންދޫބުންނެވެ.

އެމެރިކާއާއި ޗައިނާއިން ޖެނުއަރީމަހުގެ 15 ވަނަ ދުވަހު ސޮއިކޮށް، އޭގެ މަހެއް ފަހުން އަމަލުކުރަން ފެށި ވިޔަފާރީގެ އެއްބަސްވުމުގައިވާ ގޮތުން ކޮންމެ 6 މަހަކުން އެންމެ އިސް ފަރާތްތަކުގެ މަޝްވަރާތައް ބާއްވަންޖެހެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާގޮތުން ދެ ޤައުމުގެ ގުޅުން އެހާ ގޯސްވެފައިވާއިރު، ވިޔަފާރީގެ މަޝްވަރާއެއް ކުރިއަށްގެންދިއުމަކީ ދުރު ކަމެއްކަމަށެވެ.