ދުނިޔޭގެ ވިޔަފާރި

ވާވޭގެ ސީއެފްއޯ ހައްޔަރުކުރުމުގައި އެޗްއެސްބީސީގެ ދައުރެއް ނޯންނާނެ


ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ ހައްޔަރުކުރުމުގައި އެޗްއެސްބީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރ ހައްޔަރުކުރުމުގައި އެޗްއެސްބީސީގެ ބައިވެރިވުމެއް ނޯންނާނެކަމަށް އެބޭންކުން ބުނެފައި މިވަނީ، ވަވޭގެ ސީއެފްއޯ ހައްޔަރުކުރުމުގައި އެބެންކުގެ ބައިވެރިވުން އޮތްކަމަށް ޗައިނާގެ ސަރުކާރުން ކޮންޓްރޯލްކުރާ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ.

ވާވޭ ކުންފުނީގެ ސީއެފްއޯ މެންގް ވަންޒޫ 2018 ވަނަ ޑިސެމްބަރުމަހުގެ ތެރޭގައި ހައްޔަރުކުރީ އެމެރިކާއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކެނެޑާގެ ވެންކޫވާ އެއަރޕޯޓުންނެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމުގެ ތެރޭގައި ވާވޭއިން އީރާނުގެ ކުންފުންޏަކާއެކު ބާއްވަމުންދިޔަ ގުޅުމާއި ގުޅޭގޮތުން ދޮގު މަޢުލޫމާތުދީ، އޮޅުވާލުން ހިމެނެއެވެ.

ޗައިނާގެ ބައެއް މީޑިއާތައް ބުނާގޮތުން އެމެރިކާއިން ވާވޭގެ ސީއެފްއޯ ހައްޔަރުކޮށްފައިވަނީ އެޗްއެސްބީސީން ދިން ދޮގު މަޢުލޫމާތުތަކެއްގެ ސަބަބުންކަމަށެވެ. އަދި މެންގް ހައްޔަރުކުރުމުގައި އެޗްއެސްބީސީން އެމެރިކާއާ ގުޅިގެން މަސައްކަތްކޮށްފައިވާކަމަށްވެސް ޗައިނާގެ މީޑިއާތަކުން ބުނެއެވެ.

ޗައިނާގެ މީޑިއާއިން ކުރާ ތުހުމަތުތައް އެޗްއެސްބީސީން ދޮގުކުރެއެވެ. އެޗްއެސްބީސީން ބުނީ ވާވޭގެ ސީއެފްއޯ ހައްޔަރުކުރުމަށް އެމެރިކާއިން ނިންމި ނިންމުމުގައި އެޗްއެސްބީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ. އަދި މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް ދީފައިވާނީ ތެދު މަޢުލޫމާތުކަމަށާއި އޮޅުވާލައިގެން އެއްވެސް ފަރާތަކަށް މަޢުލޫމާތުދީފައި ނުވާނޭކަމަށްވެސް އެޗްއެސްބީސީން ބުނެއެވެ.

އެމެރިކާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކެނެޑާއިން ހައްޔަރުކުރި މެންގ މިހާތަނަށް ހުރީ ގޭބަންދުގައި ކެނެޑާގައެވެ. އޭނާ އެމެރިކާއާ ޙަވާލުކުރުމާ ގުޅޭގޮތުން ކެނެޑާއިން މިހާތަނަށް ގޮތެއް ނިންމާފައެއްނުވެއެވެ.