ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު މިހާރު މިއޮތް ހިސާބުން އަލުން ކޮޅަށް ޖެހޭނީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށްގެން ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހއ. އިހަވަންދޫގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ނުހަނު ކަންބޮޑުވާން ޖެހޭކަމެއް ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ބަލިޖެހޭ މީހުންގެ ތެރޭގައި ބިދޭސީން ގިނަ ނަމަވެސް މިހާރަކަށް އައިސް ބަލިޖެހޭ ދިވެހިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާކަމަށާއި، މިއީ މިބަލި ފެތުރުނަސް ވަރިހަމަކޮށްގެން ތިބޭވަރަށްވުރެ މާނުރައްކާތެރި ބައްޔެއްކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިބަލީގެ ސަބަބުން އިންސާނުނަށް ލިބޭ ސިއްޚީ ގެއްލުންތަކުގެ އިތުރުން މުޅި ދުނިޔެ ފުރަބަންދުގެ ހާލަތުގައި ކަމަށްވުމުން މީގެ އަސަރު އެންމެބޮޑަށްކުރަނީ އާންމު ޞިއްޙަތާއި ދުނިޔޭގެ ޢިޤްތިޞާދަށްކަމަށް ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ. ކޯވިޑް-19ގެ ސަބަބުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު މިހާރު މިވަނީ ނާޒުކު ފައްތަރެއްގައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުފަތުރުގެ ކަންކަން ހުޅުވާލަމުން ދާއިރު ބަލަމުން ދަނީ އެޤައުމެއްގައި ކޯވިޑް-19 ފެތުރެމުންދާ ނިސްބަތައްކަމަށާއި ޤައުމުގެ އިޤްތިސާދު މިއަދު އޮތް ހާލަތުން ނަގައި ކޮޅަށްޖެހުމަށް، ޚާއްސަކޮށް ބަލިފެތުރުން މަދުކުރުމައްޓަކައި ފަރުދީ ޒިންމާ، ދިވެހި ކޮންމެ ރައްޔިތަކުވެސް އަދާކުރުން މުހިއްމުކަމަށެވެ.
"ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުފަތުރުގެ ކަންކަން ހުޅުވާލަމުންދާއިރު ބަލަމުންދަނީ އެޤައުމެއްގައި ކޯވިޑް-19 ފެތުރެމުންދާ ނިސްބަތައް އަޅުގަނޑުމެންގެ ތެރޭގައި އެއްދުވަހުން އަނެއް ދުވަހަށް ކޯވިޑް-19 ފެތުރެމުންދާ ނިސްބަތް އިތުރުވަމުންދާނަމަ ރާއްޖެއަށް ފަތުރުވެރިން އައުމުގައި އެހެން ޤައުމުތަކުން ބަލާ މިންގަނޑުތަކަށް ނުފެތޭނަމަ އެޤައުމުތަކުން އެބޭނުންވާ ލުއިތަކެއް ނުދޭނެ. ރާއްޖޭގެ އިޤްތިސާދު ކޮޅަށްނެގޭނީ ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން. ކޮންމެ ފަރުދެއްގެ ފަހަރުގައި ފުލުހަކު ބަހައްޓައިގެން މިކަމެއް ނުވާނެ. މިކަންކުރެވޭނީ ކޮންމެ ފަރުދެއްގެވެސް ޤައުމީ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކޮށްގެން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ 7 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތަށް ޤާއިމްކޮށް މިހާރު ޚިދުމަތްފެށިފައި ވާއިރު، ރާއްޖޭގައި ހުރި ވަސީލަތްތަކާއި ލިބުނު އެހީގެ ބޭނުންހިފައިގެން ތައްޔާރުވެވޭ އެންމެބޮޑަށް ތައްޔާރުވެވިފައި ވާކަމުގައިވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ބަލިފެތުރޭނަމަ ވަރަށް ބޮޑުނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެކަމުގައިވެސް މިނިސްޓަރ ޝާހުދު ވިދާޅުވިއެވެ.
"ސިއްޙީ ޚިދުމަތްތެރިންގެ މެދުގައި ބަލި ފެތުރެން ފަށައިފިނަމަ އެކަންވާނީ ވަރަށް ބޮޑު އިމަޖެންސީއަކަށް. އެއީ މިކަމުގައި ބިސްނަންޖެހޭ މުހިއްމު ނުކުތާއެއް. ސިއްޚީ ބޭފުޅުންދެއްވާ އިރުޝާދަށް ބޯލަނބަންޖެހޭ ސަބަބަކީވެސްއެއީ" މިނިސްޓަރ ޝާހދުވިދާޅުވިއެވެ.
މިފަދަ ބުރަ ބޮޑުކަމަކާއި ޤައުމު ކުރިމަތިލައިގެން އުޅޭއިރު މިހާލަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އަގުވަޒަންކުރަން ޖެހޭކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސިއްޚީ ޚިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުގެ އިތުރުން މިބަލިމަޑުކަމުގެ ތެރޭގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެންމެނަށް ހިތްވަރުދެއްވައި ޝުކުރު ޢަދާކުރައްވާފައެެވެ.
އަދި ދިވެހިން މިކުރިމަތިލާ ޤައުމީ ޢީދާ، ދީނީ ޢީދުގައިވެސް ޞިއްޙީ ފަންނުވެރިން ދެއްވާ ލަފަޔާއި އިރުޝާދުތަކާއެއްގޮތަށް ކޯވިޑް-19އިން މުޅި މުޖުތަމަޢު ސަލާމަތްކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމް ކަނޑައެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.