ދިވެހި ޤައުމީ ދިދައަކީ ދިވެހިންނަކީ ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ވުމާއި ޤައުމަށްޓަކައި ޝަޙީދުވެފައި ތިބި މީހުންނާއި ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންކަން ރަމްޒްކޮށްދޭ އެންމެ މައުނަވީ އެއް ރަމްޒެވެ. މި ދިދައިގެ ހުރުމަތްތެރިކޮށް ހިތުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ޒިންމާއެކެވެ.
ތިން ކުލައެއްގެ މައްޗަށް އެކު ލެވިގެންވާ މި ދިދަ ބޭނުންކުރަމުންދަނީވެސް ވަކި ހަމަތަކެއްގެ މަތިންނެވެ.
ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ ތިންބައިކުޅަ ދެބައެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާ މިނަކީ ދިދައިގެ ހަތަރުބައި ކުޅަ އެއްބައެވެ. ހަނދުފަޅިގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ ތިންބައިކުޅަ އެއްބައެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅުން ސޯޅަބައިކުޅަ ނުވަޔަކުން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމަ އެކޮޅުން ރޮނގުގެ އަށްބައިކުޅަ ފަސްބައިންވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރުހާފައެވެ.
އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދަނީ ކޮންމެ ތަނެއްގައިވެސް ނަގާފައި ހުންނަ ދިދައަކީ ވަރަށް އާކޮށް ހުންނަ ދިދަތައެއްގެ ގޮތުގައެވެ. އެއީވެސް ދިވެހި ދިދައަށް އޮންނަ ލޯއްބާއި އިޚްތިރާމް ކުރުމުގެ ގޮތުންނެވެ. އެހެންކަމުން ދިވެހި ދިދައަށް އިޚްތިރާމްކުރުމުގެ ގޮތުން ދިދައިގެ ކުލަ ބަދަލުވެއްޖެނަމަ ނުވަތަ ދިދަ ބައުވެއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ ދިދަ ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.
ދަޢުލަތުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފަށާފައިވަނީ 1945 ވަނަ އހަރުގައެވެ. އެއިރު ދިދަ ނަގަނީ ހެނދުނު 6 އިން އިރުއޮއްސި 6 އަށެވެ. އަދި މިހާރުވެސް ކަންކުރަމުން އަންނަނީ މިއުޞޫލްގެ ދަށުންނެވެ. ދިވެހި ދިދަ ހުންނަންވީ ގޮތް ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގައި ވާގޮތުން ދިދަ އެކުލެވިގެން ވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގުއަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.
ދިވެހި ދިދަ ހަމައެކަނި ބޭނުން ކުރަމުންއަންނަނީ ވެރިކަން ކުރާ މާލެ އާއި މާލޭގެ އޮފީސްތަކުގައި އެކަންޏެއް ނޫނެވެ. ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ދިވެހި ޤައުމީ ދިދަ ފެންނަން ހުންނާނެއެވެ. ދިވެހި ދިދަ ރަށްރަށުގައި ޢާންމުވާން ފެށީ 1979 ގެ ފަހުންކަމަށް ވެއެވެ. އެއީ އޮފީސްތަކާއި ކޯޓްތަކާއި މަދަރުސާތަކުގައި ދިވެހި ޤައުމީ ދިދަ ނަގަން ފެށުމުންނެވެ. ކޮންމެ މިނިވަން ދުވަހަކުވެސް ރައްރަށުގައި އޮފީސްތަކުގައި އާ ދިދައެއް ނަގާނެއެވެ.
ދިވެހި ޤައުމީ ދިދަޔާ ބެހޭ ޤަވައިދުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔަގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ރައްޔިތުންގެ މަޖިލިސްކުރާ ގެޔާއި ދިވެހި ރާއްޖޭގެ ހައިކޯޓާއި ނޭޝަނަލް ސެކިއުރިޓީ ސަރވިސް ހެޑްކުއާރޓާސް އަދި މިފަދަ މުހިއްމު ތަންތަނުގައި ދިވެހި ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓަން ޖެހެއެވެ
ދިވެހި ޤައުމީ ދިދަ ގެންގުޅެންޖެހޭ އުޞޫލްތައް ހަމަޖެހިގެން އައިސްފައިވަނީ 1989 ވަނަ އަހަރުގެ މަރޗްމަހުގެ 19 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވެމަކުންނެވެ. އަދި އެންމެ ފަހުން މީގެ އުޞޫލެއް ނެރެފައިވަނީ 2017 ވަނަ އހަރުގައެވެ. އެހެންނަމަވެސް މިހާރު ވަނީ އެ އުޞޫލު އުވާލާފައެވެ.
ދިވެހި ދިދައަށް ކޮންމެ ހާލަތެއްގައިވެސް ހުރުމަތްތެރިކޮށް ހިތުމަކީ ދިވެހި ކޮންމެ ދަރިއެއްގެވެސް ޒިންމާއެކެވެ. ޤައުމީ ދިދަ ނޫން އެހެން ދިދައަކާއެކު ނަގާނަމަ އިސްކުރަން ޖެހެނީވެސް ދިވެހި ދިދައެވެ. އެހެން ޤައުމެއްގެ ދިދައެއް ނަގާނަމަ ހުންނަން ޖެހެނީ އެއް އުސްމިނެއްގައެވެ. ޤައުމީ ޝުއޫޢރު ފާޅުކުރުމަށް ބާއްވާ ހަފްލާތަކާއި އެއްވުންތަކުގެ އިތުރަށް ކޮންމެ ތަނެއްގައިވެސް ޤައުމީ ދިދަ ނަގާ ވިހުރުވުމަކީ ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މިގޮތަށް ދިދަ ބޭނުން ކުރާއިރުގައިވެސް ޤައުމީ ދިދަ ބިންމައްޗަށް ވައްޓާލައި އެއަށް އިހާނެތިކޮށް ހިތުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.