ކުޅިވަރު

ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް އަނެއްކާވެސް މުޙައްމަދު އަބްދުއްސަތާރު


ސްވިމިންގ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް އަނެއްކާވެސް މުޙައްމަދު އަބްދުއްސަތާރު އިންތިޚާބުކޮށްފިއެވެ.

އަބްދުއްސަތާރު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފައި ވަނީ މިއަދު ހުޅުމާލޭ އިންޑޯ ސްވިމިންޕޫލްގައި ބޭއްވި އެ އެސޯސިއޭޝަންގެ އިންތިޚާބުގައި، ރައީސްކަމުގެ މަގާމަށް އެބޭފުޅާ އެކަނި ކުރިމަތިލެއްވުމުން ނެގި ފެންނަ ނުފެންނަވޯޓް ކާމިޔާބުކުރައްވައިގެންނެވެ. ރަޢީސްކަމުގެ މަގާމަށް މުޙައްމަދު އަބްދުއްސަތާރު އިންތިޚާބުކުރަން ފެންނަކަމަށް 48 ވޯޓު ލިބިލެއްވިއިރު، ނުފެންނަކަމަށް ލިބިލެއްވީ 14 ވޯޓެވެ.

އެސޯސިއޭޝަންގެ ނާއިބު ރަޢީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އިސްމާއިލް އަލީއެވެ. ނާއިބުރައީސްކަމުގެ މަގާމު އިސްމާއިލް ދިފާއުކުރެއްވީ އަހުމަދު ނިޔާޒް އާއި ވާދަކުރައްވައިގެންނެވެ. އިސްމާއިލް އަލީއަށް 44 ވޯޓް ލިބިލެއްވިއިރު އަހުމަދު ނިޔާޒް އަށް ލިބިވަދައިގަތީ 18 ވޯޓެވެ.

އިންތިޚާބުނައި ހަޒާންދާރުކަމަށް ހޮވިވަޑައިގަތީ ޢަލީ ޝަމީމްއެވެ. ފެންނަކަމަށް 49 ވޯޓް ލިބުނުއިރު ނުފެންނަކަމަށް ލިބުނީ 13 ވޯޓެވެ. ކްލަބް ރެޕްރެސެންޓޭޓިވްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އަހުމަދު ފިޜާޝް އަފީފެވެ. އެއީ އަހުމަދު ފަޔާޒްގެ މައްޗަށް އެއްވޯޓުގެ ތަފާތުން ކުރިހޯދައިގެންނެވެ. ޓެކްނިކަލް މެމްބަރ ރެޕްރެސެންޓޭޓިވްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އަހުމަދު ރާއިދެވެ. މިމަގާމަށް ކުރިމަތިލެއްވީވެސް ހަމައެކަނި ރާއިދްކަމަށްވުމުން ނެގި ފެންނަނުފެންނަވޯޓުގައި ފެންނަކަމަށް 14ވޯޓް ލިބުނުއިރު ނުފެންނަކަމަށް ލިބުނީ އެންމެ ވޯޓެކެވެ.

އެގްސެކެޓިވް ކޮމިޓީގެ އިންޑިވިއަލް އަންހެން މެމްބަރަކަށް އިންތިޚާބުވީ ރަހީމާ އާދާމްއެވެ. މިމަގާމަށް ކުރިމަތިލެއްވި ޚާދީޖާ އީސާފުޅަށް 19 ވޯޓް ލިބިލެއްވިއިރު ރަހީމާ އާދަމްއަށް ލިބިލެއްވީ 40 ވޯޓެވެ. އަދި އެގްސެކެޓިވް ކޮމިޓީގެ ފިރިހެން މެމްބަރުކަމަށް އިންތިޚާބުވީ 39 ވޯޓުން، ޙަސަން ފިރާޝްއެވެ. އޭނާ އާއި ވާދަކުރި އިސްމާއިލް ފަރުހާންއަށް ލިބުނީ 17 ވޯޓެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ގޮތެއް ނުނިންމުނު ހަމައެކަނި މަގާމަކީ ކޯޗަސް ރެޕްރެސެންޓޭތިވްގެ މަގާމެވެ. މިމަގާމަށް ތިންބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ އަހުމަދު ޒުނައިޝް އާއި މުޙައްމަދު ރާއިޝް އަދި މަރްހަމް ނަފްހާ އަލީއެވެ.

މިމަގާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ފުރަތަމަ ނެގި ވޯޓުގައި މައްސަލައެއް ދިމާވުމުން ފުރަތަމަނެގި ވޯޓް ބާތިލް ކުރުމަށްފަހު ދެވަނަ ފަހަރަށް ވަނީ ވޯޓް ނަގާފައެވެ. ދެވަނައަށް ނެގިވޯޓުން މުޙައްމަދި ރާއިޝް އަށް ވޯޓެއް ލިބިފައެއްނުވެއެވެ. އަހުމަދު ޒުނައިޝްއަށް 6 ވޯޓް ލިބުނުއިރު މަރްޔަމް ނަފްހާ އަލީއަށްވެސް ލިބުނީ 6 ވޯޓެވެ. އެހެންކަމުން އިންތިޚާބީ ކޮމިޓީން ނިންމީ، އެކްސްކޯއިން ފަހުން މިކަމަށް ގޮތެއް ނިންމުމަށެވެ.