ޚަބަރު

ޙުއްދަ މިންވަރަށްވުރެ ގިނައިން އުތުރު ކޮރެއާއިން ތެޔޮ އެތެރެކުރާކަމަށް ތުހުމަތުކޮށްފި


އދން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެޔާއަށް އެތެރެކުރުމަށް ޙުއްދަ ދީފައިވާ މިންވަރަށްވުރެ ގިނައިން އެ ޤައުމުން ތެޔޮ އެތެރެކުރާކަމަށް ތުހުމަތުކޮށް 40އަށްވުރެ ގިނަ ޤައުމުން އދއަށް ޝަކުވާ ހުށަހަޅައިފިއެވެ.

އުތުރު ކޮރެޔާގެ ނިއުކްލިއަރ ހަތިޔާރާއި މިސައިލު އުފެއްދުމުގެ މަޝްރޫޢަށް ތެޔޮ ހޯދުން ދަތިކުރުމަށް އަހަރެއްގެ މައްޗަށް އެ ޤައުމަށް އެތެރެކުރެވޭނީ 500،000 ފީފާގެ ތެޔޮކަމަށް 2017ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އދގެ ސަލާމަތީ މަޖިލީހުންވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އދގެ ސަލަމަތީ މަޖިލީހުން އުތުރު ކޮރެޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭ ކޮމިޓީއަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ހިމެނޭގޮތަށް 43 ޤައުމަކުން ހުށަހަޅާފައިވާ ޝަކުވާގައި ބުނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި 1.6 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ އުތުރު ކޮރެޔާއަށް އެތެރެކޮށްފައިވާކަމަށެވެ.

އުތުރު ކޮރެޔާއަށް އެ މިންވަރަށް ތެޔޮ ގެންގޮސްފައިވަނީ 56 ފަހަރުގެ މަތިންކަމަށް އެ ޤައުމުތަކުންވަނީ ފާހަގަކޮށްފައެވެ. އެ ޤައުމުތަކުން ހުށަހެޅު ޝަކުވާގައި ބުނީ ކަނޑުމަތީގައި ބޯޓުން ބޯޓަށް ތެޔޮ ބަދަލުކުރުމަކީ އުތުރު ކޮރެޔާއަށް ތެޔޮ އެތެރެކުރުމަށް ބޭނުންކުރާ މައިގަނޑު އުކުޅުކަމަށެވެ. އެ ޤައުމުތަކުންވަނީ އެ މައްސަލަ ބަލައި ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް އުތުރު ކޮރެޔާއިން ތެޔޮ އެތެރެކޮށްފައިވާނަމަ މި އަހަރުގެ ބާކީ އޮތް މުއްދަތުގައި އެ ޤައުމަށް ތެޔޮ ވިއްކުމާއި ފޯރުކޮށްދިނުން ހުއްޓާލުމަށް އދގެ މެންބަރު ޤައުމުތަކަށް އެނގުމަށް އެދިފައެވެ.

2018ވަނަ އަހަރާއި 2019ވަނަ އަހަރުވެސް ސަލާމަތީ މަޖިލީހަށް އެފަދަ ހުށަހެޅުންތައްވަނީ ހުށަހަޅައިފައެވެ. ނަމަވެސް ދެ ފަހަރުވެސް އެ އެދުމަށް ހުރަސްއަޅާފައިވަނީ އުތުރު ކޮރެޔާއަށް ވާގިވެރިވާ ރަޝިޔާއާއި ޗައިނާއިންނެވެ. އުތުރު ކޮރެޔާއަށް ތެޔޮ ފޮނުވާ މިންވަރު އދއަށް ރަސްމީކޮށް އަންގާ ދެ ޤައުމަކީވެސް އެއީއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އުތުރު ކޮރެޔާއަށް 106،097 ފީފާގެ ތެޔޮ ފޯރުކޮށްފީދައިވާކަމަށް ރަޝިޔާއާއި ޗައިނާއިންވަނީ ބުނެފައެވެ. ނަމަވެސް އެ ޢަދުދުތަކަކީ ޞައްޙަ ޢަދަދުތަކެއް ނޫންކަމަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާގައިވަނީ ބުނެފައެވެ.