ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިކަން އަލުން ފެށި ފަހުން ރާއްޖެ ޒިޔާރަތްކުރި އެއްވެސް ފަތުރުވެރިޔަކު ކޯވިޑް-19އަށް ޝައްކުކުރެވިގެން ކަރަންޓީންކޮށްފައިނުވާކަމަށް ހެލެތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބުނެފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ހާހަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލެތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވިދާޅުވީ ރާއްޖެއަށް މިހާތަނަށް އައި އެއްވެސް ފަތުރުވެރިއެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތެއް ފެނިގެން ކަރަންޓީންކުރަންޖެހޭ ހާލަތަކަށް ގޮސްފައިނުވާކަމަށެވެ. ޑރ. ނަޒްލާ ވިދަޅުވީ އެއަރޕޯޓުގައި ހުންނަ ޕޯޓް ހެލްތް ޑެސްކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ހުން ބެލުމުގެ އިތުރުން އަލާމާތެއް ހުރިތޯ ޔަޤީންކުރުމަށް ހެލްތު ޑެކްލެރޭޝަން ފޯމުގައި ބަޔާންކުރާ މައުލޫމާތުތައް ސާފުކުރާނެކަމަށެވެ.
އިމިގްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އޮންލައިންކޮށް ފޯރުކޮށްދޭ ހެލްތު ޑިކްލެރޭޝަން ފޯމު ނުފުރާ ރާއްޖެ ނާދެވޭނެއެވެ. މިފޯމް އޮންލައިންކޮށް އިމިގްރޭޝަންގެ ވެބްސައިޓުން ލިބޭއިރު ފޯމް ފުރިހަމަކުރުމަށްފަހު އޮންލައިންކޮށް ހުށަހެޅޭނެއެވެ.
ޑރ ނަޒްލާ ވިދާޅުވީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ކިބައިން ކޯވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ އެފަދަ ފަރާތްތައް އައިސޮލޭޓްކުރުމަށް ފެސިލިޓީތައް ކަނޑައެޅިފައިވާކަމަށެވެ. މިގޮތުން އަލާމަތް ފެންނަ ފަތުރުވެރިޔާގެ ސާމްޕަލް ނެގުމަށްފަހު ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ ނަޒްލާ ވިދާޅުވީ ފަތުރުވެރިޔާ އަންނަ ރިސޯޓުން އޭނާ ރިސޯޓުގެ އައިސޮލޭޝަން ފެސިލިޓީއަށް ގެންދަން ބޭނުންނަމަ އެކަމަށްވެސް ފުރުޞަތު އޮންނާނެކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ފަތުރުވެރިޔާ ރިސޯޓަކަށް ގެންދެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުންކަމަށް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިކަން ފަށާފައިވާއިރު، އެއަރޕޯޓާއި ފަތުރުވެރިން ތިބޭ ރިސޯޓުތަކުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އިމިގްރޭޝަން، އެޗްޕީއޭ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި އެހެން އިދާރާތަކުން އަމަލުކުރުމަށް ހާއްސަ އުސޫލުތައްވެސް ވަނީ އެކުލަވާލާފައެވެ.