ޚަބަރު

އީރާނުގެ މަތިންދާބޯޓަކަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ދުއްތުރާކޮށްފި


އީރާނުގެ މަތިންދާބޯޓަކަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ދުއްތުރާކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ފަސިންޖަރުންނަށް އަނިޔާވެފައިވާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ދަޢުލަތުގެ މީޑީޔާއިން ބުނީ އެ ޤައުމުގެ މަހަން އެއަރގެ މަތިންދާބޯޓެއް އީރާނުގެ ވެރިރަށް ތެހެރާނުން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދަތުރުކުރި މަގުމަތީގައި ސޫރިޔާގެ ވައިގެ ސަރަޙައްދުން އެ މަތިންދާބޯޓަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ދުއްތުރާކޮށްފައިވާކަމަށެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓު މާބޮޑަށް ކައިރިކުރުމުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް މަހަން އެއަރގެ މަތިންދާބޯޓު ދަތުރުކުރަމުންދިޔަ އުސްމިން ކުއްލިއަކަށް ބަދަލުކުރަން މަޖުބޫރުވިކަމަށް އީރާނުން ބުނެއެވެ. އެގޮތަށް ޢަމަލުކުރުމުގެ ތެރޭގައި ބައެއް ފަސިންކަރުންނަށް އަނިޔާވެފައިވާކަމަށް އީރާނުން ބުންޏެވެ.

ފުލައިޓުތަކުގެ ދަތުރުތަކާބެހޭ މަޢުލޫމާތުތައް ޙިއްޞާކުރާ ފުލައިޓުރާޑަރ24ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި 34،000 ފޫޓޫގެ އުސްމިނުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މަތިންދާބޯޓުވަނީ ދެ މިނެޓުގެ ތެރޭގައި 34،600 ފޫޓަށް އަރައިފައެވެ. އަދި އޭގެ މިނެޓެއް ފަހުންވަނީ 34،000އަށް އަލުން ތިރިކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓުރަލް ކޮމާންޑުން ބުނީ ސޫރިޔާގެ އަލްތަންފުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ހިމެނޭ ސަރަޙައްދުން މަހަން އެއާރގެ މަތިންދާބޯޓު ދަތުރުކުރަމުންދިޔަ ވަގުތު އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ޙަރަކާތްތެރިވެފައިވާކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ އެ ޤައުމުގެ އަސްކަރިއްޔާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުން ރައްކާތެރި ދުރުމިނެއް ބެހެއްޓިކަމަށެވެ.

ވައިގެ ތެރޭގައި ނުރައްކާތެރި ޙާދިޘާއެއް ހިނގިޔަނުދިނުމަށް މަތިންދާބޯޓުތަކުގެ ދެމެދުގައި މަދުވެގެން 600 މީޓަރުގެ ދުރުމިން ބަހައްޓަންޖެހޭއެވެ. ދެ މަތިންދާބޯޓުގެ ދެމެދުގައި އެންމެ މަދުވެގެން 1،000 މީޓަރުގެ ދުރުމިނެއް ބަހައްޓާފައިވާކަމަށް އެމެރިކާއިން ބުނެއެވެ.

އެ ހާދިޘާއަށްފަހު އީރާނުގެ ޚާރިޖީ ވުޒާރާއިންވަނީ ސުވިޓްޒަލެންޑުގެ އެމްބަސީއަށް އެކަމުގެ ހިތްތަމަނުޖެހުން ޙިއްޞާކޮށްފައެވެ. އީރާނާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިނުވާތީ ދެ ޤައުމުގެ މައްސަލަތައް ޙައްލުކުރުމުގައި މެދުވެރިއަކަށްވަނީ ސްވިޓްޒަލެންޑެވެ.

އެމެރިކާއާއި އިސްރާއީލުންވަނީ މަހަން އެއާރ މެދުވެރިކޮށް ސޫރިޔާއާއި އެހެން ސަރަޙައްދުތަކުގައި ތިބި އީރާނާ ގުޅުންއޮންނަ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ތަކުރާރުކޮށް ތުހުމަތުކޮށްފައެވެ. އީރާނުގެ އިންޤިލާބީ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ މަހަން އެއާރއާ ދެކޮޅަށް އެމެރިކާއިންވަނީ 2011ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅުވެސް އަޅައިފައެވެ.